ބ އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރޭ ހުޅުމާލެއަށް ގެނެސްފިއެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރޭ ހުޅުމާލެއަށް ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުފިނޮޅުން ފެނާއި ކަރަންޓު ކަނޑާލާފައި ވަނިކޮށެވެ. އަދި ކައްކާނެ ދަރެއް ވެސް ނެތި ބިދޭސީން ތިބީ ވަރަށް ހާލުގައެވެ. އެ ބިދޭސީން ހުޅުމާލެއަށް ގެނެސް އެންމެން ތިބީ އެއްތާކު ބަހައްޓާފައެވެ.

'ދަ ޕްރެސް' އާ އެމީހުންގެ ހާލަތުގެ ވާހަކަ ހިއްސާ ކުރަމުން އޭގެ ތެރެއިން މީހަކު ބުނީ، މިހާރު ފެނާއި ކަރަންޓު އަދި ކާތަކެތި ފަދަ ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ފަހިވެފައިވާ ކަމަށެވެ. އަދި އެމީހުން ހުޅުމާލެއަށް ގެނެސް އެމީހުންނާ މެދު ކަންތައް ކުރާނީ ކިހިނެތް ކަމެއް ކިޔައި ނުދޭ ކަމަށާއި، މުސާރައާ ބެހޭ އިތުރު އަޕްޑޭޓެއް ވެސް ދީފައި ނުވާ ކަމަށެވެ.

އަދި މިހާރު ހުޅުމާލޭގައި އެކޮމޮޑޭޓް ކޮށްފައިވާ ތަނުން ހުރިހާ ޒަރޫރީ ބޭނުމެއް ފުއްދޭ ކަމަށާއި އތުރު ޝަކުވާއެއް ނެތް ކަމަށް އެމީހުން ބުނެއެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރޭ ހުޅުމާލެއަށް ގެނެސްފައި ވާއިރު، ބިދޭސީންގެ ބެލެނިވެރި ފަރާތް ކަމަށްވާ އާރް އައި އެކްސް (ރިޒް ކުންފުނި)ގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޮޑުފިނޮޅުން ކަރަންޓާއި ފެން ކަނޑާލާނެކަން ސީލް މޯލްޑިވްސްގެ ފަރާތުން ދުރާލާ ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް އެންގިކަން ރިޒް ކުންފުންޏަށް އެނގުމާއެކު ވަކީލުން އެކަން ފުލުހުްނނާއި އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިމައްސަލާގައި ކަންހިނގާދިޔަ ގޮތާމެދު ރިޒް ކުންފުނިން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ހާއްސަކޮށް ފުލުހުންގެ ބެލުމުގެ ދަށުން ސެކިޔުރިޓީ ބަލަހައްޓަމުން ދިޔަ ރަށެއްގައި ހަމަނުޖެހުން ހިނގާފާނެފަދަ ކަމެއް ދުރާލާ ފުލުހުންނަށް އެނގިހުރެ އެކަމަށް ފިޔަވަޅު އަޅާފައިނުވާތީ އެކަން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރިޒް ކުންފުނީގެ ވަކީލުން ބުނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ކާބޯތަކެތި ގެންދިޔުމަށް ހުރަސް އެޅުމާއި ކާބޯތަކެތި ބަލާ ތުޅާދޫ އަށްދާ ބިދޭސީން އަނބުރާ ބޮޑުފިނޮޅަށް އެރިޔަނުދީ ލާއިންސާނީ އެތައް އަމަލެއް ސީލް މޯލްޑިވްސް އިން ކޮށްފައިވާ ކަމަށެވެ.

މި މަހުގެ 2 ވަނަ ދުވަހު، ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ބިދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ.

މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން، މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ. އަދި ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ރަށުގައި ތިބި ބިދޭސީންނާއި ހަވާލުވުމަށް އަންގާ ރިޒް ކުންފުނީގެ މައްޗަށް އަމުރުވެސް ކޮށްފައެވެ. ނަމަވެސް އެ ކުްނފުނިން ވަނީ އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.