މާފުށީގައި ކަރަންޓީނު ވެގެން ތިބި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން މާފުށީ ކައުންސިލްުގެ ނައިބު ރައީސް ނަޝީދާ އާދަމް ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަޝީދާ ވިދާޅުވީ، މިއަދު ޕޮޒިޓިވް ވެފައި ވަނީ ދެ ގެއެއްގައި ކަރަންޓީނު ވެގެން ތިބި ދެ މީހަކު ކަމަށެވެ. އެގޮތުން އޭގެ ތެރެއިން އެކަކީ ކުޑަކުއްޖަކު ކަމަށް ނަޝީދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއްގެއިން ޕޮޒިޓިވްވީ އެގޭގައި ކުދިންނާއެކު ކަރަންޓީނުވެގެން ހުރި މަންމައެއް ކަމަށާއި އަނެއް ގެއިން ޕޮޒިޓިވްވީ މަންމައާއި އެއްބަނޑު ކުދިންނާއެކ ކަރަންޓީނުވެގެން ހުރި ކުއްޖެއް ކަމަށެވެ. އަދި ޕޮޒިޓިވްވީ ދެމައިން ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފަތުރާފައިވީ ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ނަޝީދާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި މީހުން އަދިވެސް ތިބީ ހޯމް ކަރަންޓީނުގައެވެ. އަދި އެމީހުންނާއެކު ދެން ކަރަންޓީނުވެގެން ތިބި މީހުންގެ ނަތީޖާއާ ބެހޭގޮތުން ސުވާލު ކުރުމުން ނަޝީދާ ވިދާޅުވީ، އެކަން ބޮޑަށް އިނގޭނީ އެޗްޕީއޭއަށް ކަމަށާއި، އެކަމާ ބެހޭ ތަފްސީލެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

މާފުށިން ދެމީހަކު ޕޮޒިޓިވްވެފައިވާއިރު އެރަށުން މީގެ ކުރިން ވެސް ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައެވެ. ނަމަވެސް މި މީހުން އައިސޮލޭޓް ކުރުމަށް ފެސިލިޓީއަކަށް ގެންދިޔަ ކަމެއް ސާފެއް ނުވެއެވެ. އެގޮތުން މާފުށީގައި މިހާރުވެސް އެކްޓިވް ކޭސްތައް އެބަހުއްޓެވެ.

މާފުށީގެ އިތުރުން އެކްޓިވް ކޭސްތައް އުޅޭ ރަށްރަށުގެ ތެރޭގައި ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ކ. މާފުށި، ވ. ފުލިދޫ، ބ. ކަމަދޫ އަދި ޅ. ހިންނަވަރުގެ އިތުރުން ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސީސައިޑް ފިނޮޅު ހިމެނެއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ޖުމްލަ 3790 މީހަކު ކކޮވިޑަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން 2607 މީހުން ބަލިން ރަނގަޅުވެ، 16 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މިވަގުތު މި ބައްޔަށް ޕޮޒިޓިވް 1155 މީހުން ހިމެނޭއިރު އޭގެ ތެރެއިން 709 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އަދި 65 މީހުން ހޮސްޕިޓަލުތަކުގައި އެބަ ތިއްބެވެ. ދުވަހެއް ދުވަހަކަށް ކޮވިޑް-19ގެ ކޭސްތައް ފެންނަލެއް އިތުރުވަމުންދާއިރު، މި މަސް ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ރިކޯޑް އަދަދުތަކުން އިތުރުވެގެން ދާނެ ކަމަށް އެޗްޕީއޭން ވަނީ ލަފާކޮށްފައެވެ.