ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އެމެރިކާއިން އަދިވެސް އިތުރު އެތައް ބަޔަކު މަރުވެ ހިނގައިދާނެ ކަމުގެ އިންޒާރު، ތަޖުރިބާކާރުން ދީފިއެވެ.

ތަޖުރިބާކާރުން މިފަދަ އިންޒާރެއް ދީފައި މިވަނީ، ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވި މީހުންގެ އަދަދު 150000 އަށްވުރެ މައްޗަށް އެރުމާއެކުގައެވެ. އެމެރިކާއިން ކޮވިޑް-19ގައި މީހަކު މަރުވެގެން އެންމެ ފުރަތަމަ ރިޕޯޓްކުރީ ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މިއަދަދު 50000 އަށް އެރީ، އޭގެ 54 ދުވަސް ފަހުން، އޭޕްރިލް 23 ވަނަ ދުވަހުއެވެ. އޭގެ 34 ދުވަސް ފަހުން، މެއި 27 ވަނަ ދުވަހު 100000 ފާހަގަ ހުރަސްކުރިއެވެ. ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 1.5 ލައްކައަށް އެރުމާ ދެމެދު ހޭދަވޏި 63 ދުވަހެވެ.

އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެމެރިކާއިން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 153840 އަށް ވަނީ އަރާފައެވެ. ކޮވިޑް-19ގެ ތަފާސް ހިސާބުތައް ގެނެސްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީއިން ބުނާ ގޮތުގައި މިއީ، ކޮވިޑް-19ގައި މުޅި ދުނިޔެއިން މަރުވި މީހުންގެ 5 ބައިކުޅަ 1 ބަޔަށް ވުރެ އިތުރު އަދަދެކެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު އޮތް ގޮތަށް ކަންކަން އޮވެއްޖެނަމަ، އެމެރިކާއިން މި ބަލީގައި މީހުން މަރުވާ ރޭޓް އަދިވެސް ދާނީ މައްޗަށެވެ. އިންފެކްޝަސް ޑިޒީޒްގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެމެރިކާ މިވަގުތު އޮތީ ނާޒުފު ފައްތަރެއްގައެވެ. މި ދަނޑިވަޅަކީ، އެމެރިކާގައި ސްކޫލްތައް އަލުން ހުޅުވުމަށް ބައެއް ފަރާތްތަކުން އަމާޒު ހިފާފައިވާ ދަނޑިވަޅެކެވެ.

ކޮވިޑް-19އަށް އެމެރިކާއިން ދޭ އިޖާބަ، ރީސެޓްކޮށް އަލުން ފަށަންޖެހިފައިވާކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސެންޓާ ފޮ ހެލްތް ސެކިއުރިޓީން އާންމު ކުރި ރިޕޯޓެއްގައި ވަނީ ގޮވާލާފައެވެ.