ހުރިހާ މެމްބަރުންނާ މުވައްޒަފުންވެސް މާސްކު އަޅައިގެން ތިބުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވް)ގެ ރައީސާ ނޭންސީ ޕެލޯސީ އަންގަވައިފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއުވެ، އިތުރު ބަޔަކު ބަލިން ރައްކާތެރި ކުރުމަށް މިވަގުތަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން ކަމަށް ސިއްހީ ތަޖުރިބާކާރުންނާ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތަށް ބަލާއިރު އެމެރިކާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 150000 އަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަކުރަންޖެހެއެވެ.

މަޖިލިސް ކުރާ ގޭގައި މަސައްކަތްކުރާ މުވައްޒަފުންނާ، މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުން މާސްކު ބޭނުން ކުރެއްވުމަށް އަމުރު ކުރައްވަމުން ޕެލޯސީ ވަނީ، މި އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތައް މަޖިލީހުގެ ތަޅުމުން ބޭރު ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޕެލޯސީ މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، ވެރިކަން ކުރާ ރިޕަބްލިކަންސްގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި އިންނަވާ މެމްބަރު ލޫއީ ގޯމޭ، ބުދަ ދުވަހުގެ ވަގުތެއްގައި ކޮވިޑް-19އަށް ޕޮޒިޓިވުމާ ގުޅިގެންނެވެ. މެމްބަރު ގޯމޭއަކީ އާންމު ގޮތެއްގައި މާސްކާ ނުލާ އުޅުއްވާތީ ފެންނަ މެމްބަރެކެވެ.

މެމްބަރު ގޯމޭ ކޮވިޑް-19އަށް ޕޮޒިޓިވްވި ކަން އެނގުނީ، ވައިޓްހައުސް ޕްރޮޓޮކޯލްގެ ތެރެއިން އެ ތަނަށް ޒިޔާރަތްކުރާ ހުރިހާ އެންމެން ސްކްރީން ކުރުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިންނެވެ. އެ ދުވަހަކީ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު މެމްބަރު ގޯމޭ ދަތުރެއް ކުރައްވަން އޮތް ދުވަހެކެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މެމްބަރު ގޯމޭ ވަނީ، އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މާސްކު އެޅުމުގެ ސަބަބުން ކަމަށް ވިދާޅުވެ، ސުވާލު އުފައްދަވާފައެވެ. ނަމަވެސް، ސިއްހީ ތަޖުރިބާކާރުންގެ ވާހަކަ މިއާ މުޅިން ތަފާތެވެ.

އަންގާރަ ދުވަހަކީ އެމެރިކާގެ ބަންޑަރަ ނައިބު ވިލިއަމް ބާގެ އަޑުއެހުމަށް 5 ގަޑިއިރަށް ދެމިގެންދިޔަ ދުވަހަކަށްވީއިރު، މެމްބަރު ގޯމޭ ވަނީ މި އަޑުއެހުމުގެ ތެރޭގައިވެސް އެތައް ފަހަރެއްގެ މަތިން މާސްކު ނުލާ އުޅުއްވާފައެވެ. އެހެންކަމުން، ބާ ވެސް ކޮވިޑް-19އަށް ޓެސްޓު ކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.

މާސްކު މަޖުބޫރު ކުރައްވަމުން ޕެލޯސީ ވިދާޅުވީ، ކޮންމެ މެމްބަރަކަށްވެސް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަން ލިބޭ ފުރުސަތުގައި ވަގުތީ ގޮތުން މާސްކު ނެގިދާނެ ކަމަށެވެ. ނަމަވެސް އެ ނޫން ހާލަތްތަކުގައި މާސްކު ނަގައިގެން އުޅޭ ފަރާތްތަކަކީ ސާޖަންޓް އޮފް އާމްސްއަށް ލިބިދޭ ބާރުގެ ދަށުން، މަޖިލީހުން ބޭރުކުރެވޭނެ ބައެއް ކަމަށްވެސް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރަސްމީ ރެކޯޑްތަކަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ 10 މެމްބަރަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ޑިމޮކްރަޓުންނަށް ނިސްބަތްވާ 3 މެމްބަރުންނާ، ރިޕަބްލިކަންސްއަށް ނިސްބަތްވާ 7 މެމްބަރުން ހިމެނެއެވެ.

އެމެރިކާގެ ރައީސް ޓްރަމަޕަކީ ފާޅުގައި މާސްކާ ދެކޮޅު ހެއްދެވި ބޭފުޅެކެވެ. ނަމަވެސް ޓްރަމްޕްގެ ރާގުވެސް މިހާރު ދަނީ ބަދަލުވަމުންނެވެ.