ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 17.1 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 213 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން މި ބަލި ފެނިފައިވާއިރު، އިއްޔެ އެކަނިވެސް 2 ލައްކަ 90 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދާ ގައުމުތައް
- އެމެރިކާ: 4568037 ޖުމުލަ ކޭސް | 2169153 އެކްޓިވް ކޭސް
- ބްރެޒިލް: 2555518 ޖުމުލަ ކޭސް | 677911 އެކްޓިވް ކޭސް
- އިންޑިއާ: 1584384 ޖުމުލަ ކޭސް | 527770 އެކްޓިވް ކޭސް
- ރަޝިއާ: 828990 ޖުމުލަ ކޭސް | 194984 އެކްޓިވް ކޭސް
- ސައުތް އެފްރިކާ: 471123 ޖުމުލަ ކޭސް | 165659 އެކްޓިވް ކޭސް
ކޮވިޑް-19ގެ ޝިކާރައަކަށްވެ މަރުވި މީހުންގެ އަދަދު 670152 އަށް ވަނީ އަރާފައެވެ. މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއަށް ފަހު މި ލިސްޓުގައި ދެން އޮތީ ބްރެޒިލް، އިނގިރޭސިވިލާތް، މެކްސިކޯ އަދި އިޓަލީވިލާތާ އިންޑިއާއެވެ.
އަވަށްޓެރި އިންޑިއާގެ ހާލަތަށް ބަލާއިރު، 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުންދަނީ އެގައުމުންކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން އިއްޔެ އެކަނިވެސް އިންޑިއާއިންވަނީ ބައި ލައްކައަށްވުރެ ގިނަ ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައެއެވެ. ކޮވިޑް-19 ޖެހިގެން އިއްޔެ އިންޑިއާއިން 779 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑް ކޮށްފައިވާއިރު، މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 35003 އަށް ވަނީ އަރާފައެވެ.
ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް ބަލީގެ ނުރައްކާ އެންމެ ބޮޑީ އިންޑިއާގައެވެ. އިންޑިއާއަށްފަހު މި ލިސްޓުގައި ދެން އުޅެނީ ޕާކިސްތާނާ ބަންގްލަދޭޝްއެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައެއް ނުވެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޝިފާ ލިބި، ރަނގަޅުވި މީހުންގެ އަދަދު 10.6 މިލިއަނަށް ވަނީ އަރާފައެވެ.