ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، ގަސްތުގައި ބަލި ފަތުރާ މީހެއް ކަމަށްބުނެ ދައުރުވާ ވިޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އެމީހާގެ ވީޑިއޯ އާންމު ވަމުންދާ އިރު އެމީހާ އަކީ ކޮވިޑުގެ އަލާމަތްތައް ހުރި މީހެއް ކަމަށާއި އެމީހާ މާލޭގައި ދިރިއުޅޭ މީހުންނަށް އިތުރަށް ބަލި ޖެއްސުމުގެ ގޮތުން މީހުން އެއްވެ އުޅޭ ތަންތަނަށާއި މީހުން ނިދާ ވަގުތުތަކުގައި ގޭގޭގެ ދޮރުދޮރާއި އަދި ފިހާރަތުކުގެ ދޮރުތަކުގެ އަތްގަނޑު ތަކުގައި ކުޅު ހާކަމުން ދާ ކަމަށް ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯ، ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ވީޑިއޯ ގައި ތުހުމަތު ކުރެވޭ ގޮތަކަށް މީހެއްގެ އަމަލުތައް ހުރުމާ ގުޅިހެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ވީޑިއޯ އާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް ގެ ނަމްބަރު 9631696 އަށް ގުޅާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖެއިން ކޮވިޑަށް 3506 މީހުން ޕޮޒިޓިވް ވެފައި ވާއިރު އިއްޔެ އެކަނިވެސް 137 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ބަލިން ފަރުވާ ލިބިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 2547 އެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ވަނީ މަރުވެފައެވެ.