ބޮލުގައި އަތް އަޅައިގެން އިނދެ ވާހަކަ ދައްކަމުން ދިޔަ ސަޖަދު މަލިކުގެ އަޑުގައި ވަނީ މާޔޫސް ކަމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މާތް ވެގެން ވާ މަސްޖިދު އަލް- ޙަރަމްއާއި ދާދީ ކައިރިގައި އޭނާ އޮޕަރޭޓް ކުރަމުންދާ ޓެކްސީ ބުކިންގް އޮފީސް އޮތީ ފަޅަށެވެ. "ކުރާނެ މަސައްކަތެއް ނެތް. މުސާރައެއް ނެތް. އެކައްޗެއްވެސް ނެތް" ސަޖަދު ބުންޏެވެ.

"އާންމު ގޮތެއްގައި ޙައްޖުގެ އަޅުކަމުގެ ކުރިއަށް މި އޮންނަ ދެތިން މަސް ދުވަހު، އަހަރެންނާ ޑްރައިވަރުންނަށް ފުދޭ ވަރަކަށް ފައިސާ ލިބޭ. އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އުޅެވޭ ވަރަށް ފައިސާ ލިބޭ. އެކަމަކު މިހާރު، އެކައްޗެއްވެސް ނެތް" ސަޖަދު ބުންޏެވެ.

މާލިކުގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އެކަކީ ޑްރައިވަރު ސަމީއުއް ރަހްމާން އޭނާގެ ޒިންމާއަކީ މައްކާ ކްލޮކް ޓަވަރު ސަރަހައްދުގެ ހަރަކާތްތައް އޮފީހަށް އެންގުމެވެ. ނަމަވެސް މިއަދު އެ މަގުތައްވެސް ވަނީ މުޅިންހެން ފަޅުވެފައެވެ. ސަޖަދުގެ ޑްރައިވަރުން މިއަދު މަގުތަކުން އޭނާއަށް ފޮނުވަނީ ކޮތަރު ބައިގަނޑުތަކުގެ ވީޑިއޯތަކެވެ.

ޑްރައިވަރު ސަމީއުއް ރަހްމާން/ފޮޓޯ: ސަމީއުއް ރަހްމާން

"އަހަރެންގެ ޑްރައިވަރުންނަށް ކާބޯތަކެއްޗެއް ނުލިބޭ. މިހާރު އެމީހުން އުޅެނީ 4-5 މީހުން އެއް ކޮޓަރީގަ. މި ދައްކަނީ 2 މީހުންނަށް ހަދާފަ ހުންނަ ކޮޓަރީގެ ވާހަކަ" ސަޖަދުގެ ޑްރައިވަރުންގެ ހާލަތު ކިއާ ދެމުން އޭނާ ތަފްސީލު ކޮށްދިނެވެ.

ސަޖަދު ބުނާ ގޮތުގައި ސައުދީގެ ސަރުކާރުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. މިހާރު އޭނާގެ ހަރަދުތައް ދެކޮޅު ޖައްސަނީ ކުރިން އެއްކޮށްފައި ހުރި ފައިސާކޮޅުންނެވެ. ނަމަވެސް އޭނާގެ ދަށުން 50 އަކަށް މުވައްޒަފުން މަސައްކަތް ކުރާ ކަމަށާ، ތަކުލީފު އުފުލަނީ އެ މީހުން ކަމަށްވެސް ސަޖަދު ކިޔައިދިނެވެ.

"އިއްޔެވެސް ރައްޓެއްސަކު ގުޅި... މަސައްކަތެއް އޮތްތޯ ބަލަން. އަހަރެން ދޭން ހުރި ކޮންމެ އުޖޫރައެއް ގަބޫލު ކުރަންވެސް އޭނާ ހުރީ ތައްޔާރަށް. ގަބޫލު ކުރޭ... މީހުން ހަމަ ރޮނީ" ސަޖަދު ބުންޏެވެ.

މަސްޖިދު އަލް- ޙަރަމްއާއި ދާދީ ކައިރިގައި ޓެކްސީ ބުކިންގް އޮފީހެއް އޮޕަރޭޓް ކުރަމުންދާ ސަޖަދު މަލިކު/ފޮޓޯ: ސަޖަދު މަލިކު

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ އިނދަޖެހިފައިވާއިރު، މިއަހަރުގެ ޙައްޖު މޫސުމަށް ސައުދީއިން ވަނީ ބޮޑެތި ބަދަލުތަކެއް ތަންފީޒު ކުރަން ފަށާފައެވެ. އެހެން އަހަރުތަކުގެ 2 މިލިއަނެއްހާ މުސްލިމުން ސައުދީއަށް ޖަމާވެ ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާއިރު، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މިއަހަރު ޙައްޖު ކޯޓާއަކަށް ހަމަޖެއްސީ އެންމެ 1000 މީހުންގެ ޖާގައެކެވެ. އެއީވެސް ސައުދީގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެކަންޏެވެ.

ޒަމްޒަމް ފެން ވަޅުން އަމިއްލައަށް ފެން ބުއިމުގެ ފުރުސަތު ޙައްޖާޖީންނަށް ނޯންނާނެއެވެ. ކޮންމެ މީހަކަށްވެސް އެއް ފަހަރު ބޯލެވޭ ވަރަށް ވަކި ފުޅިފުޅީގައި ބަންދުކޮށްގެން ޒަމްޒަމް ފެން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. ޖަމްރާއަށް ހިލައުކަން ދޭނީ ސްޓެރެލައިޒްކޮށްފައި ހުންނަ ހިލަ ކަމަށް މައުލޫމާތު ލިބެއެވެ.

1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް އަންނަ ޙައްޖާޖީންގެ ފޮށިތަކެއް/ފޮޓޯ: ގެޓީއިމޭޖަޒް

ސައުދީގެ ބޯޑަރުން ބޭރަށް ޖެހިލަމާތޯއެވެ. ޙައްޖުގެ އަޅުކަމާއެކު އަންނަ އުލްޙިޔާ ކަތިލުމަކީވެސް އެތައް ބަޔަކަށް އާމްދަނީ ލިއްބައިދޭ ކަމެކެވެ. ވަކިން ހާއްސަކޮށް ސައުދީގެ އަވަށްޓެރި ކެންޏާގެ ދަނޑުބިންތަކާ ނާމްސޫފި ގެންގުޅޭ ފަރާތްތަކަށް ޙައްޖު މޫސުމުގެ ވިޔަފާރި ރަނގަޅެވެ. ނަމަވެސް، މިއީ އެ ފަރާތްތަކަށްވެސް ހީނަރު އަހަރެކެވެ.

"ނާމްސޫފީގެ ވިޔަފާރިއަކީ ކެންޏާގައި ބޮޑު ވިޔަފާރިއެއް. ގައުމުގެ ގިނަ ގެތަކަށް އާމްދަނީ ވަންނަނީވެސް އެ ވިޔަފާރިން. މިއީ ގިނަ ދަނޑުވެރިންގެ ދިރިއުޅުން ހަމަޖައްސާ ގޮތް. ވަކިން ހާއްސަކޮށް ޙައްޖު މޫސުމުގަ" ކެންޔާގެ ލައިވްސްޓޮކް ޕްރޮޑިއުސާސް އެސޯސިއޭޝަންގެ ޕެޓްރިކް ކާމިނީ ބުންޏެވެ.

އެވަރޭޖު ގޮތެއްގައި އޭނާގެ ޖަމިއްޔާގެ މެމްބަރުން، ޙައްޖު މޫސުމަށް ހާއްސަކޮށްގެން ސައުދީއަށް 5000 އެއްހާ ނާމްސޫފީގެ ދިރުންތައް ފޮނުވައެވެ. ނަމަވެސް މިހާރު އެމީހުންނަށް މަޖުބޫރުވެފައި ވަނީ ކޯލްޑް ސްޓޯރޭޖުތަކާ އެތެރޭގެ ބާޒާރުތަކަށް ބަރޯސާވުމަށެވެ. މިއާއެކު، އެތެރޭގެ ބާޒާރުތަކުގައި ނާމްސޫފީގެ އަގު ދަށަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތީ ކުރިމަތިވެފައެވެ.

ކެންޔާގެ ލައިވްސްޓޮކް ޕްރޮޑިއުސާސް އެސޯސިއޭޝަންގެ ޕެޓްރިކް ކާމިނީ/ފޮޓޯ: ޕެޓްރިކް ކާމިނީ

އެތައް އަހަރެއް ވަންދެން ލިބެމުން ދިޔަ އާމްދަނީ، މުޅިންހެން ހުއްޓުމަކަށް އައިސްފައިވާއިރު މިކަމުގެ އެންމެ ބޮޑު އެއް ތަކުލީފެއް އުފުލަމުންދާ އެއް ބަޔަކީ ޓުއާ އޮޕަރޭޓަރުންނެވެ. 1440 ވަނަ އަހަރު ސައުދީއަށް އެންމެ ގިނަ އަދަދަކަށް ޙައްޖާޖީން ފޮނުވި އެއް ގައުމަކީ ޕާކިސްތާނެވެ. ނަމަވެސް މިއަދު ކަރާޗީގައި ހުރި ޝާހްޒާދު ތާޖު ބުނާ ގޮތުގައި، އޭނާގެ "ޗީޕް ޙައްޖު އެންޑް ޢުމްރާ ޑީލްސް" ގެ ވިޔަފާރި އޮތީ، އިނދަޖެހުމުގެ ތުންފަތްމަތީގައެވެ.

"ޖުމުލަ ގޮތެއްގައި ބުނާނަމަ ވިޔަފާރި އޮތީ ހަމަ ސުމެއްގަ. ދަތުރުފަތުރާ ގުޅޭ އެހެން ކަންކަންވެސް މިއޮތީ ހުއްޓުމަކަށް އައިސްފަ. ވައިގެ އުދުހުންތަކާ، ލޮޖިސްޓިކްސް މަސައްކަތްތަކާ، ޑެލިވަރީތައް ހުއްޓިފަ. ވިއްކާނެ އެއްވެސް އެއްޗެއް ނެތް. ހަގީގަތަށް ބުނަންޏާ، މިއީ އަހަރަމެން އެއްވެސް ވަރަކަށް ތައްޔާރުވި ހާލަތެއް ނޫން" ތާޖު ބުންޏެވެ.

ތާޖު ވަނީ އޭނާގެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު، ކުރެވޭނެ އެންމެ ކުޑައެއް ކޮށްފައެވެ. މިހާރު އޮތީ ކުންފުނީގެ އެސެޓްތައް ވިއްކަން ޖެހޭ ހިސާބުގައެވެ. އޭނާގެ ޓީމަށް ބޭނުންވި ބައެއް އެހީތައް ފޯރުކޮށްދެމުންދިޔައީ އެމާޖެންސީ ފަންޑުތަކުން ހަރަދުކޮށްގެންނެވެ. ނަމަވެސް ތާޖު ބުނާ ގޮތުގައި މިހާރު އެކަންވެސް ކޮށްދެވޭކަށް ނެތެވެ.

ޙައްޖުގެ އަޅުކަމަށް މައްކާއާއި މަދީނާއަށް ޒިޔާރަތް ކުރާ ޙައްޖުވެރިންނާއެކު އަންނަ އެތައް ބިލިއަން ޑޮލަރެއް މިއަހަރު އޮތީ ހުއްޓިފައެވެ.

"ޙައްޖު ވެރިން ހޮސްޓް ކުރަން ސައުދީ ސަރުކާރުން މީގެ ކުރީ އަހަރުތަކުގައި ކުރަމުންދިޔަ ހަރަދުތައް މިއަހަރު ސަލާމަތްވިއަސް، މައްކާއާއި މަދީނާއަށް މިފަހަރު ވިޔަފާރީގެ ގޮތުގައި ގާތްގަނޑަކަށް 9-12 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ" ސައުދީގެ ވެރިރަށް ރިޔާދުގައި އޮޕަރޭޓްކުރާ މާލީ ހިދުމަތްތަކާ ބެހޭ ރިސާޗް ފާމެއް ކަމަށްވާ އަލް-ރާޖްހީ ކެޕިޓަލްގެ އިސްވެރިޔާ، މާޒިލް އަލް-ސުދައިރީ ވިދާޅުވިއެވެ.

އަލް-ސުދައިރީ ވިދާޅުވާ ގޮތުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއެވެ.

"ފަހަރެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް ހާލުގައި ޖެހިދާނެ. އެކަމަކު ސައުދީގެ މަރުކަޒީ ބޭންކުންވެސް ދަނީ މި ގިންތިއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުން. ލޯނުތައް ދެތިން މަހަށް ފަސްކޮށްދީގެންވެސް، ކޮންމެވެސް ވަރެއްގެ ލުޔެއް ދެވޭތޯ" އަލް-ސުދައިރީ ވިދާޅުވިއެވެ. އަލް-ސުދައިރީ ގަބޫލުކުރައްވާ ގޮތުގައި ހީނަރުކަމުގެ ދުވަސްތައް މާޒީވެއްޖެއެވެ. މިހާރު މިއީ ހެޔޮ ފާލަކަށް އެޅެން ފެށުމުގެ ދުވަސްވަރެވެ.

1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް އަންނަ ފަރާތްތަކަށް މައްކާގައި ޖަހާފައިވާ ޓެންޓުތައް/ފޮޓޯ: ގެޓީއިމޭޖަޒް

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީ އަރަބިއްޔާގެ އާމްދަނީގެ 80 ޕަސެންޓް ހިއްސާކުރަނީވެސް މި ސިނާއަތެވެ. ނަމަވެސް ތެލުގެ އަގުތައް އިންތިހާއަށް ދަށަށް ގޮސްފައިވާއިރު، އާމްދަނީ އިތުރު ކުރާނެ އެހެން މަގުތައް ހޯދަން ސައުދީއަށްވެސް ވަނީ ޖެހިފައެވެ. ނަމަވެސް ކޮވިޑް-19އާއެކު އެކަންވެސް ކާމިޔާބުވާ ގޮތެއް އަދި ނުވެއެވެ. ގިނަ ޓެސްތަކަކަށް މައާފު ދޭންވެސް އޮތީ ޖެހިފައެވެ.

މައްކާގައި ހުރި އޮފީހުގައި ހުރި ބުކިންގް ސްކްރީންތަކުގައި ހަރަކާތެއް ނެތެއް ކަމަކު ސަޖަދު ހުރީ އޭނާގެ އުފަން ފަސްގަނޑު ކަމަށްވާ ޕާކިސްތާނަށް އެނބުރި އަންނަ ގޮތަކަށް ނޫނެވެ. މިވަގުތު ތަކުލީފުތަކެއް އުފުލަންޖެހުނު ކަމުގައި ވީ ނަމަވެސް، ސަޖަދު ބުނާ ގޮތުގައި ސައުދީއަކީ އަދިވެސް އޭނާއަށް 1 ނަމްބަރު ގައުމެވެ.