ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންއެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެން ދިޔަ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 25 ފެބްރުއައީ 2020 ގައެވެ.

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް އެތުރިފައިވެއެވެ. އޭގެ އިތުރުން 5000އަކަ މީޓަރުގެ ސަރަހައްދެއް ގެ ބިންގަނޑު އެއްވަރުކުރެވިފައިވެއެވެ.

އެ މަޝްރޫއުއަކީ ނ. ފޮއްދޫ އަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެން ދިޔަ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހަތެއް މާޗުގައެވެ. އަދި އެ މަޝްރޫއުއަށް 6.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް އެތައް މަޝްރޫއެއް ފަށައި، އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެގޮތުން މިއަހަރު ތެރޭގައި ނިމިފައިވަނީ 17 ރަށުގައި 19 މަޝްރޫއު ކަމަށާއި މިމަހުގެ ތެރޭގައި ބަނދަރު ހެދުމުގެ ދެ މަޝްރޫއު އާއި އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުއެއް ވަނީ ނިމިފައި ކަމަށް އެމްޓީސީން މައުލޫމާތު ދެއެވެ. އެކުންފުނިން ބުނީ މިހަފްތާ ތެރޭގައިވެސް އިތުރު ދެ މަޝްރޫއުއެއް ނިންމައި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.