ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ ސީދާކޮށް ގާތުން ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައި ދިނުމަށް ރައީސް ޔާމީންގެ ވަކީލުން ގޮވާލައިފިއެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތް ލިބުމާއި، އަދި އެމީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުސަތު ލިބުމަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް ލިއްބައިދޭ ހައްގެއް ކަމަށެވެ.

އެގޮތުން އެ މާއްދާގެ ދަށުން ލިބިދޭ ހައްގުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިފަހައްޓައިގެންނުވާނޭ ހައްގުތަކެއްކަން ގާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެގެންވާއިރު، ކޮވިޑް19 އާ ގުޅިގެން ކަމަށް ބަޔާންކޮށް މިއަހަރުގެ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގަށް މޯލްޑިވްސްކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅާފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރައީސް ޔާމީން އާގުޅޭ ބައެއް ޝަރީއަތްތައް ވެސް ފަށާފައިވާއިރު، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީއަތްތަކުގައި ރައީސް ޔާމީންއަށް ލިއްބައިދޭ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ވެސް ކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅާފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ މިމަހު އަށް ވަނަ ދުވަހު ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަގެ އަޑުއެހުމެއް ބޭއްވިފައިވާ އިރު ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލު ނުކުރެއްވޭ ކަމަށާއި، ވަކީލުންނާއި ސީދާކޮށް ބައްދަލުކޮށް މަޝްވަރާކުރައްވަން ބޭނުންފުޅުވާތީ އެ ފުރުސަތު ބޭނުންފުޅުވާކަމަށް އެ އަޑުއެހުމުގައި ރައީސް ޔާމީން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ހައިކޯޓުގެ އެ ދުވަހުގެ އަޑުއެހުން ނިންމާފައިވަނީ ރައީސް ޔާމީން އެބޭފުޅާގެ ގާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެވޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ދައުލަތަށް އެންގެވުމާއެކު އެ މައްސަލައިގައި ރައީސް ޔާމީން އެ ފުރުސަތު ލިބުމަށްފަހު އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަޑުއެހުން ނިމުނު ފަހުން ރައީސް ޔާމީންގެ ވަކީލުންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން 14 ޖޫންގައި ފޮނުއްވި ސިޓީއެއްގައި މިމަހު އަށް ވަނަ ދުވަހު ހައިކޯޓުގައި ބޭއްވުނު ޝަރީއަތުގައި، މައްސަލަ ބެއްލެވިގާޒީ ނިންމަވާފައިވާ ގޮތަށް، ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޔާމީން އާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައި ނުވާކަން ވަނީ އެބަޔާނުގައި ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް އަންގަވާފައިވާ ގޮތަށް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ވަކީލުން ސީދާކޮށް ގާތުން ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިނުދީ ގާނޫނުއަސާސީން އެމަނިކުފާނަށް ލިބިލައްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ހުރަސް ނުއެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އިލްތިމާސް ކުރަމެވެ.
ރައީސް ޔާމީންގެ ވަކީލުން

އެބަޔާނުގައި އިތުރަށް ވަނީ ކަރެކްޝަނަލް ސާވިސް އިން ތައްޔާރުކުރައްވައި 12 ޖަނަވަރީ 2020 ގައި އަމަލުކުރަން ފަށާފައިވާ، ސްޕެޝަލް ޕްރޮޓެކްޝަން ދޭން ޖެހޭކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދު މީހުންނާމެދު އަމަލު ކުރަންވީ ގޮތުގެ އާއްމު އުސޫލަށް ބަލާއިރު ހަބަރު ފަތުރާ ވަސީލަތްތައް ލިބުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ލިބެންޖެހޭކަން އެނގޭއިރު ރައީސް ޔާމީން އެ ފުރުސަތުން މަހުރޫމު ކުރައްވާފައިވާ ކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މީގެ ކުރިން ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލްތައް ޓީވީ މެދުވެރިކޮށް ބެލުމުގެ އިންތިޒާމް ހަމަޖެހިފައި ވީނަމަވެސް މިހާރު އެ ވަސީލަތް ބޭނުންކުރުމުން ވެސް ރައީސް ޔާމީން މަހްރޫމްކޮށް، ހަބަރު ފަތުރާ އެއްވެސް ވަސީލަތެއް ލިއްބައިނުދީ އެކަމަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ދިއުން ހުއްޓާލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.