ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހެޅި ކަމަށް ބުނެ ނޫހަކުން ލިޔެފައި ވަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ރިޕޯޓުގައި ވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި އެ ރިޕޯޓުގައިވާ ކަންކަން ބަލައިދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ފައްޔާޒް ވަނީ އެފަދަ ދޮގު މައުލޫމާތު ހިމެނޭ ރިޕޯޓެއް ޝާއިއު ކޮށްފައިވަނީ ރާއްޖޭގެ މިނިވަން ދުވަހު ކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފައްޔާޒް އެފަދައިން ވިދާޅުވެފައި ވާއިރު، ރާއްޖޭގައި ބޭރު މީހުން އާބާދު ކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ސަރުކާރަކުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ވަނީ ވިދާޅުވެފައެވެ. ހޫދު ވިދާޅުވި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައި ނޯންނާނެ ކަމަށާއި އެއީ ދުވަހަކު ކުރާނެ ކަމަށް ނޫން ކަމަށެވެ.

ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓްގެ ސްކްރީން ޝޮޓެއް

އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" އިން ޝާއިއު ކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެނޫހަށް ލިބިފައިވާ ކަމަށެވެ. ދައްޕަރުގައި ވިލާތަކެއް އެޅުމަށް ފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހުށަހަޅާފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައިވާ ކަމަށާއި އެތަންތަނުގެ މިލްކުވެރިންނަށް، އެމީހުންގެ އާއިލާ އަދި ރަށްޓެހިންވެސް އެތަންތަނަށް ގެނެވޭނެ ފަދަ ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ވެސް އެނޫހުގައި ޝާއިއު ކޮށްފައިވާ ރިޕޯޓްގައި ވެއެވެ.

އެ ނޫހުން އެފަދައިން ލިޔެފައި ވާއިރު، މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަަޑައިގެން ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުންނަށް ރެޒިޑަންޓް ވިސާ ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ރިސޯޓުތަކުން ވިލާ ގަންނަ ފަރާތްތަކަށް "ސެކަންޑް ހޯމް" ޕްރޮގްރާމެއް ތައާރަފް ކޮށް އެއަށް ރެޒިޑެންޓް ވިސާއެއް ދިނުން ކަމަށް މި މަހުގެ 20 ވަނަ ދުވަހު މަޖިލީހުގައި ވަނީ ވާހަކަ ދައްކަވާފައެވެ.

އެޕްރޮގްރާމް ހިންގުމަށް މަގުފަހިކުރުމަށްޓަކައި 'ރެޒިޑެންސީ ގާނޫނެއް' އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ޕްރޮގްރާމް ހިންގާ ރަށްރަށުގައި ގާއިމުކުރެވޭ ވިލާތަކާއި އެޕާޓްމެންޓްތަކަށް އިންވެސްޓުކުރުމުން ވިސާ ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އިންވެސްޓު ކުރަންޖެހޭ އަދަދު ކުޑަވާނެ ކަމަށެެވެ.

އެ ޕްރޮގްރާމެއް ފެށުމުން ޗައިނާ އާއި ޔޫރަޕުގެ އިންވެސްޓަރުން ރާއްޖެ އަތުވެދާނެ ކަން ފާހަގަކުރައްވާ މެންބަރަކު ވަނީ ރާއްޖެ އޮތް ލޮކޭޝަންގެ ގޮތުން، އިންޑިއާގެ އިންވެސްޓަރުން އިތުރުވެދާނެ ކަމަށް ބެލެވޭއިރު ރައްޔިތުންގެ ހިތްތަކުގައި ޝައްކުތަކެއް އުފެދޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވެފައި ވަނީ ވަކި ގައުމެއްގެ ބަޔަކު ރާއްޖެއަށް އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

އެ ޕްރޮގަރާމްގެ މަގްސަދަކީ ރާއްޖެ ތަރައްގީކުރުން ކަމަށާއި ސެކަންޑް ހޯމް ޕްރޮގްރާމްއަކީ ގިނަ ގައުމުތަކުގައި ވަރަށް ކާމިޔާބުކޮށް ހިންގާ ޕްރޮގްރާމެއް ކަމަށް ވިދާޅުވެ ވަނީ އިމިގްރޭޝަންގެ ގާނޫނާއި ގުޅިގެން މަޝްވަރާކުރެވުނު މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ފައްޔާޒް ވަނީ ވާހަކަދައްކަވާފައެވެ.