ކޯވިޑް-19 ގެ ސަބަބުން މިސީޒަންގެ އިންގްލިޝް ޕްރިމިއާ ލީގު ފުރިހަމަ ނުކުރެވޭނެ ކަމަށް ބެލެވުނު ނަމަވެސް ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި 90 ދިހަ މެޗު ކުޅެ މިއަދު މިއޮތީ ސީޒަން ނިންމާލާ މެޗުތަކާ ހަމައަށް އާދެވިފައެވެ. ސީޒަންގެ ފަހު މެޗާ ޖެހުނު އިރު ވެސް އަދި މުޅިން ޔަޤީން ނުވާ ކިތަންމެ ކަމެއް އޮތް އިރު މިއަދުގެ މެޗުތަކުގެ ނަތީޖާތަކަކީ ގިނަ ޓީމުތަކެއްގެ ހުވަފެން ތަކަކާ ގުޅިފައިވާނެ ނަތީޖާތަކެކެވެ.
ޗެމްޕިއަންސް ލީގު އަދި ޔޫރަޕާ ލީގު ޖާގަ
ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލްއާ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ވަނީ ކަށަވަރުވެފައެވެ. ދެން މި ޖާގަ ލިބޭނީ ސީޒަން ނިމޭ އިރު ތާވާލުގެ ތިންވަނައާ ހަތަރު ވަނައަށް ދާ ޓީމުތަކަށެވެ. މި ދެ ޖާގައަށް ތިން ޓީމެއް މިރޭ ވާދަ ކުރާ އިރު މިހާރު ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑް ބައްދަލުކުރާނީ މި ޖާގައަށް ތަޅާފޮޅަމުން އަންނަ ލެސްޓާ ސިޓީއެވެ. ޔުނައިޑެޓް އަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ވާނީ ލެސްޓާ ބަލިކޮށްގެން ކަމަށްވާ އިރު ލެސްޓާ އަށް ވެސް ހަތަރު ވަނަ ހޯދޭނީ ޔުނައިޑެޓް ބަލިކޮށްގެންނެވެ.
ތާވާލުގެ ހަތަރު ވަނައިގައި އޮތް ޗެލްސީ ކުޅެން ޖެހެނީ ހަ ވަނައިގައި އޮތް ވުލްވްސްއާ ކަމަށްވާ އިރު މި މެޗުން 1 ޕޮއިންޓް ހޯދައިގެން ވެސް ޗެމްޕިއަންސް ލީގުގެ ޖާގައެއް ޗެލްސީއަށް ކަށަވަރުވާނެއެވެ.
ޗެލްސީ ބަލިކޮށްގެން އަންނަ ސީޒަންގެ ޔޫރަޕާ ލީގަށް ވުލްވްސްއަށް ކޮލިފައިވެވޭނެއެވެ.
ރެލިގޭޝަންގެ ހަނގުރާމަ
މިސީޒަންގައި ނޯވިޗް ދަށު ލީގަށް މިހާރު ވެސް ރެލިގޭޓްވެފައިވާ އިރު އެޓީމާ އެކު ދެން ރެލިގޭޓްވާނެ އަނެއް ދެ ޓީމެއް އަދި ނޭނގެއެވެ. އަންނަ ސީޒަންގައި ވެސް ލީގުން ޖާގައެއް ހޯދުމަށް ކުރާ ހަނގުރާމައިގައި އެސްޓަން ވިލާ، ބޯންމޮތް އަދި ވޮޓްފޮޑަށް މިއަދު ކުޅެން އޮތީ ބަލި ނުވޭވެ ވަރުގެ މެޗުތަކެކެވެ.
ތިރީސް ހަތަރު ޕޮއިންޓާއެކު ގޯލް ޑިފަރެންސްގެ ތަފާތުން ރެލިގޭޝަން ޒޯނުގެ ބޭރުގައި އޮތް އެސްޓަން ވިލާ ބައްދަލުކުރަން ޖެހޭނީ މިހާރު ސަލާމަތްވެފައި އޮތް ވެސްޓްހޭމްއާއެވެ.
18 ވަނައިގައި އޮތް ވޮޓްފޮޑް މިރޭ ބައްދަލުކުރާނީ އާސަނަލްއާއެވެ. އަދި 31 ޕޮއިންޓާއެކު 19 ވަނައިގައި އޮތް ބޯންމޮތް ބައްދަލުކުރާނީ ތާވާލުގެ މެދު ތެރޭގައި އޮތް އެވަޓަންއާއެވެ.
ރަން ބޫޓް
ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދޭ ރަން ބޫޓު މިސީޒަންގައި އަދި ލިބޭނެ ކުޅުންތެރިއެއް ކަށަވަރެއް ނުވެއެވެ. މިއަދުގެ މެޗާ ހަމައަށް ދާ އިރު 23 ގޯލާއެކު ލިސްޓުގެ ކުރީގައި އޮތީ ލެސްޓާގެ ޖޭމީ ވާޑީއެވެ.
ދެވަނައިގައި 21 ގޯލާއެކު އޮތީ ސައުތްހެމްޓަންގެ ކުޅުންތެރިޔާ ޑެނީ އިންގްސްއެވެ.
ވޭތުވެދިޔަ ދެ ސީޒަންގައި ޖެހިޖެހިގެން މި ޝަރަފު ހޯދި ލިވަޕޫލްގެ މުހައްމަދު ސަލާހުއާ އާސަނަލްގެ ކެޕްޓަން ޕިޔޭ އެމަރިކް އޮބަމިޔޭންގްއަށް ވެސް ރަން ބޫޓު ހޯދުމުގެ ފުރުސަތު އަދި އެބަ އޮތެވެ.