އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ ރާއްޖެއިން 77 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހަތަރު ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވެފައިވަނީ ހަތަރު އަހަރުގެ ދެކުދިންނާއި އެއް އަހަރުގެ ކުއްޖަކާއި ހަ އަހަރުގެ ކުއްޖެކެވެ.

މިނީސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ހަތަރު ކުދިންނަކީ ވެސް ކްލަސްޓާއަކަށް ނިސްބަތްވާ ކުދިންނެވެ.

މިހާތަނަށް 10 އަހަރުން ދަށުގެ 133 ކުދިންގެ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ހިމެނެނީ 73 ފިރިހެން ކުދިންނާއި 60 އަންހެން ކުދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 3252 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން މިހާރު 2534 މީހުން ވަނީ އެބަލިން ރަނގަޅުވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ.