ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެމެރިކާގެ ފްލޮރިޑާއިން މަރުވި، އުމުރުން އެންމެ 9 އަހަރުގެ އަންހެން ކުއްޖާއަކީ، މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކުއްޖެއް ނޫނެވެ. ފްލޮރިޑާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު، ޕަޓްނަމް ކައުންޓީގައި ޖުލައި 18 ވަނަ ދުވަހު މި ދުނިޔެއާއި ވަކިވެދިޔަ ކިމޯރާ "ކިމީ" ލައިނަމް އަކީ، މި ބަލީގައި އެ ސަރަހައްދުން މަރުވި އެންމެ ހަގު ޕޭޝަންޓެވެ.

ކުރިންވެސް ދެންނެވި ފަދައިން ކިމީގެ ހަށިގަނޑުން ސިއްހީ އެއްވެސް އެހެން މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. ކިމީގެ މަންމަ، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ގަދައަށް ހުން އަންނާތީއެވެ. ހޮސްޕިޓަލުން އޭނާ ގެއަށް ދޫކޮށްލިއެވެ. ހޭ ހުސްވެގެން ކަހަލަ ގޮތަކަށް ޚަބަރު ހުސްވެގެން ކިމީ ވެއްޓުނީ އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

އާއިލާގެ އެންމެނަށް އުފާވެރިކަން ގެނެސްދިން ނޫރުގެ ގޮތުގައި އެ އާއިލާއިން ސިފަކުރަމުން އަންނަ ކިމީ، ކޮވިޑް-19އަށް އިންފެކްޓް ވީ ކިހިނެއް، އަދި ކޮން އިރަކު ކަމެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގެއެވެ. ބަލީގެ އެއްވެސް އަލާމާތެއް ނެތި، ހޫނު މޫސުމުގެ ދުވަސްތައް ކިމީ ހޭދަ ކުރަމުން ދިޔައީ އޭނާގެ ގޭގައެވެ. ސްކޫލަކަށްވެސް އަދި ކޭމްޕަކަށްވެސް ނުދެއެވެ.

ކިމީގެ މަންމަވެސް މިހާރުވަނީ ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް އަދި ނަތީޖާއެއް ނުލިބެއެވެ.

ފްލޮރިޑާގެ ރެކޯޑްތަކަށް ބަލާއިރު، މި ފަހުގެ ތާރީހެއްގައި ކޮވިޑް-19 އަށް އިންފެކްޓްވި އެއްވެސް މީހަކާ ކިމީ "ކޮންޓެކްޓްވި" ކަމަކަށް ނުދައްކައެވެ. ކިމީއަކީ ފްލޮރިޑާއިން ކޮވިޑް-19ގައި މަރުވި 5 ވަނަ ކުޑަކުއްޖާއެވެ. މީގެ ކުރިން، 17 އަހަރުގެ ކުއްޖަކާ، 16 އަހަރުގެ ކުއްޖެއްގެ އިތުރުން 11 އަހަރުގެ 2 ކުއްޖެއްގެ ފުރާނަ ގެއްލުނު ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. އެ ސްޓޭޓުން ހުކުރު ދުވަހުގެ ނިޔަލަށް 23170 ކުއްޖަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.