އައްޑޫ ސިޓީ ހިތަދޫ އާއި ފުވައްމުލައް އަދި ހއ. އިހަވަންދޫގައި ސަރުކާރުން ތަރައްގީ ކުރި ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީތައް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ޝަރަފުވެރި ކޮށްދެއްވާފައި ވާއިރު އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ އިތުރުން ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފުޅުންނާއި އެ ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރި ވެވަޑައިގެންފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކުރި ފެސިލިޓީގައި 10 އެނދުގެ އައިސީޔޫއަކާއި، 30 އެނދުގެ އައިސޮލޭޝަން ވާޑެއް ހުރެއެވެ. އަދި ފުވައްމުލައް އަދި އިހަވަންދޫ ގައި ގާއިމްކޮށްފައިވަނީ ތިން އެނދެވެ.

ކޮވިޑް-19 އާ ގުޅިގެން އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން މިމަހުގެ 21 ވަނަ ދުވަހު ލ. ގަމާއި ގއ. ވިލިނގިލީގައި ހެދި ކޮވިޑް-19 ފެސިލިޓީ ހުޅުވާފައި ވާއިރު މި މަހުގެ 16 ވަަނަ ދުވަހު ށ. ފުނުދޫ އާއި ބ. އޭދަފުށީގައި ވެސް ވަނީ ކޮވިޑް ފެސިލިޓީ ގާއިމްކޮށްފައެވެ.