ތައުލީމުގެ ބިލަށް ކޮމެޓީ މަރުހަލާގައި މަޝްވަރާ ކުރުމުގެ ފުރުސަތު ނުލިބުމުން، ޓީޗާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓީޗާސް އެއޯސިއޭޝަނުން ބުނީ ތައުލީމުގެ ބިލަށް ކޮމެޓީ މަރުހަލާގައި މަޝްވަރާ ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ލިބިފައި ނުވާތީ، ބިލުގައި ކަންބޮޑުވުން ހުރިކަން ފާހަގަކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

ތައުލީމުގެ ބިލަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމު ކުރަން ޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

އެ ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރެއެވެ.

ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް ހިޔާލު ހޯދަން މަޖިލީހުން ބޭއްވި ފޯރަމްގައި އެ ދާއިރާގައި މަސައްކަތް ކުރެއްވި އަދި މިހާރުވެސް ކުރައްވާ އިސް ބައެއް ބޭފުޅުންގެ ގިނަ ހިޔާލުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

އޭގެ ތެރޭގައި ރައީސް ސޯލިހްގެ އަނބިކަނބަލުންނާއި މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅުންނާއި އާންމުން ވެސް ހިމެނެއެވެ.

ތައުލީމުގެ ބިލުގެ އިތުރުން މަތީ ތައުލީމުގެ ބިލެއް ވެސް މަޖިލީހުގައި އެބައޮތެވެ.