ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެރަށުން ބޭލުމުގެ މަސައްކަތް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރަން އުޅޭ ކަމަށް ބުނެ، އެ ބިދޭސީން ތަމްސީލުކުރާ ޕަބްލިކް އިންޓަރެސް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީއައިއެލްސީން ނެރުނު ނޫސްބަޔާނުގައި ބުނީ ޒަރޫރީ ބޭނުމަކަށް ބ. ބޮޑުފިނޮޅުން ފޭބި 4 ބިދޭސީ މަސައްކަތްތެރިން އެ ރަށަށް އަނބުރާ އެރުމުގެ ހުއްދަ ފުލުހުންނައި ސީލް މޯލްޑިވްސުން ދީފައި ނުވާ ކަމަށާއި، އަދި އެ ރަށުގައި ބާކީ ތިބި މީހުންވެސް މިއަދު އެ ރަށުން ބޭލުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕީއައިއެލްސީން ބުނެއެވެ.

ބޮޑުފިނޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓަރު ކަމަށްވާ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑް އަދި އެ ކުްނފުނީގެ ދެ ޑިރެކްޓަރުންގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ޕީއައިއެލްސީން ވަނީ އެދިފައެވެ. އެ ސެންޓަރުން އެދުނީ ބިދޭސީންނަށް ނުދީވާ މުސާރައާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު އެއްފަހަރުމަތިން ދިނުމުގެ އަމުރެއް ނެރެދިނުމުގެ އިތުރުން، ޓްރިބިއުނަލުން އިތުރު ގިތެއް ކަނޑައަޅަންދެން ބިދޭސީންގެ ކެއިން ބުއިމާއި ސިއްހީ ފަރުވާ އަދި ޒަރޫރީ ބޭނުން ފުއްދޭނެ ގޮތް ހަމަޖެއްސުމުގެ ވަގުތީ އަމމުރެއް ނެރެދިނުމަށެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ ބިދެސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލު ކުރުމުގެ އިތުރުުން ރިޒް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީއާއި ފައިސާ ނުދައްކާ ބިދޭސީންގެ ހައްގުތަކުން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. މިކަންކަމުގެ އިތުރުން އިއާދަނުކުރެވޭ ގެއްލުން ލިބޭނެހެން އެ ބިދޭސީން ބޯހިޔާވަހިކަމުން މަހުރޫމުކޮށް މަގުމަތި ކުރުމަކީ އެ ބިދޭސީންނަށް އިތުރަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ޕީއައިއެލްސީން ބުނެއެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ސީލް މޯލްޑިވްސްއަށް ލިބުނު ޕްރޮޖެކްޓް ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ހަވާލުވެފައިވަނީ ރިޒް ކުންފުނިންނެވެ. އަދި ބޮޑުފިނޮޅުގައި ކުރަން ޖެހޭ މަސައްކަތައް ބޭނުންވާ މީހުން ހަމަޖެއްސުމާއި އެމީހުންނަށް މުސާރަ ދިނުމާއި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ ރިޒް ކުންފުނިން ކުރަން ޖެހޭ ކަމެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއިން ވަނީ ބުނެފައެވެ. އެ އޮތޯރިޓީން ވަނީ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގިއިރު 179 ބިދޭސީންނަށް ނުދެވި ހުރި މުސާރަ ދީ ނިންމުމަށްފަހު މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ލިޔުން ހިއްސާކުރުމަށް އަންގާފައެވެ.