ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 17 މީހަކު ޕޮޒިޓިވް ވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހަކާއި އިންޑިއާގެ މީހެއް ކަމަށެވެ.

މިއަދު 17 މީހަކު ޕޮޒިޓިވް ވެފައިވާއިރު ޖުމްލަ އަދަދު ވަނީ 3120 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 31 މީހެކެވެ. އެއާއެކު ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2428 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

ކޮވިޑް ޖެހިގެން މިވަގުތު ފަރުވާ ހޯދަމުންދަނީ 626 މީހުންނެވެ. އޭގެ ތެރެއިން 53 މީހަކަށް ފަރުވާ ދެމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ނަމަވެސް އެމީހުންގެ ތެރޭގައި ހާލުބޮޑު ބަލި މީހަކު ނެތް ކަމަށާއި އެމީހުންނަކީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލި ތަކަށް ފަރުވާ ހޯދަމުންދާ މީހުން ކަމަށްވާތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ރައްކާތެރިކަމަށްޓަކައި ކަމަށް އެޗްޕީއޭން ބުނެއެވެ.