ބ. ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަށް މުސާރަ ދީ އެކަން އެންގުމަށް އާރްއައިއެކްސް (ރިޒް) ކުންފުންޏަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) އިން މިއަދު އަންގައިފިއެވެ.

އެލްއާރްއޭއިން ރިޒް ކުންފުންޏަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ބިދޭސީން ހަމަނުޖެހުން ހިންގިއިރު، އެތަނުގައި ތިބި ބިދޭސީނަކީ ރިޒް ކުންފުނިން މުސާރަ ދެމުން ގެންދިޔަ ބައެއް ކަމަށާއި އެމީހުންނަކީ އެ ކުންފުނީގެ މުވައްޒަފުންކަން ސީލް މޯލްޑިވްސްއާއެކު ބަދަލުކޮށްފައިވާ ލިޔުންތަކުން ވެސް އެނގޭ ކަމަށެވެ.

އަދި ދެ ކުންފުނީގެ ދެމެދުވާ އެއްބަސްވުމުގައި މުވައްޒަފުންނަށް މުސާރަ އާއި ކާންދިނުމާއި އެމީހުންނާ ގުޅިގެން ސަރުކާރުންނަށް ދައްކަން ޖެހޭ ފައިސާތައް ދައްކަން ޖެހޭނީ ރިޒް ކުންފުނިންކަން އެނގޭ ކަމަށާއި އެހެންކަމުން ރަށުގައި ތިބި 179 ބިދޭސީންނަށް މުސާރަ ހަަމައަށްދީ، އެކަން ލިޔުމުން އެންގުމަށް އެލްއާރްއޭ އިން ވަނީ ބުނެފައެވެ.

އެ މައްސަލަ އަކީ ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލައެއް ކަމަށާއި އެ އެންގުމަށް އަމަލު ނުކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެލްއާރްއޭއިން ބުނެއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަން ގެނެސްފައި ތިބި ބިދޭސީން އެ ރަށުގައި ހަމަނުޖެހުން ހިންގާ އެރަށުގައި މަސައްކަތް ކުރި ދިވެހިން ތަކެއް ރަހީނު ކުރީ މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވައެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ބިދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ ބަންދު މަޖިލީހުގައި މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ.

މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް ޖެހި މުއްދަތު ވަނީ ދެވަނަ ފަހަރަށް އިތުރު ކޮށްފައެވެ. އަދި އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.