މިހާރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިމާންޑް ޖަލެއްގައި އަދީބު ބަންދު ކުރަން ކޯޓުން އަމުރު ކޮށްފިއެވެ.

ދާދި ދެންމެ ހައިކޯޓުން އެގޮތަށް އަމުރު ކުރީ އަދީބު ދޫކޮށްލައިފައި ބަހައްޓައިފި ނަމަ ފިއްލަވާފާނެ ކަމަށް ގަބޫލު ކުރެވިގެންނެވެ. އަދި އެކަން އެގޮތަށް ހުށަހެޅީ ދައުލަތުންނެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން އަދީބަށް ކުރި 7 ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރު ކޮށްލުމުން ޕީޖީން އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

އަދީބުގެ މައްސަލަތައް ކުރިމިނަލް ކޯޓުން ބޭރު ކޮށްލުމާއެކު ޕީޖީން ވަނީ އަދީބު ފުރުން މަނާކުރާ އަމުރެއް ހޯދަން ކްރިމިނަލް ކޯޓަށް ގޮސްފައެވެ. އެއާއެކު އެ ކޯޓުން ވަނީ އޭނާ ފުރުން މަނާކޮށް އަމުރެއް ނެރެފައެވެ. އެ އަމުރުގެ ދަށުން އަދީބުގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

މިއަދުގެ ހައިކޯޓުގައި އޮތް އަޑުއެހުމުގައި ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން ޕަބްލިކް ޕްރޮސެކިޓާ އަހުމަދު ނައުފަލް ވިދާޅުވީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދެނީ މީގެ ކުރިން އޭނާ ފިއްލަވައިގެން ވަޑައިގެންފައި ވާތީ، އެ ފުރުސަތު އަދިވެސް އޮތް ކަމަށް ދެކޭތީ އެވެ.

މީގެ ކުރިން އަދީބު ވަނީ ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް ގޮސްފައެވެ. ނަމަވެސް އޭނާ އިންޑިއާއަށް އެރިއަ ނުދީ ކަނޑުމަތިން ހިފަހައްޓާ ޓުޓިކޮރިން ބަނދަރަށް ވެއްދުމަށް ފަހު، އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގެނެސް، ރާއްޖޭގެ ސިފައިންގެ ބެލުމުގެ ދަށުން ރާއްޖެ ގެނައެވެ. އަދި އޭނާއަށް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލިއެވެ. އެ މައްސަލާގައި އޭނާ 3 މަހާއި 18 ދުވަހަށް ޖަލަށްވެސް ލިއެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ، އޭނާ ފިއްލަވައިގެން ވަޑައިގަން މައްސަލާގައި މިހާރު އެއް ފަހަރު ބަންދުކޮށް އެ މައްސަލާގައި ހުކުމް ވެސް ކޮށްފައިވާ ކަމަށާއި އަލުން ހަމަ އެ ކުށަށް ދެވަނަ ފަހަރަށް އަދަބު ދެވިގެން ނުވާނެ ކަމަށެވެ. އަދި މިހާރުވެސް ފުލުހުން އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓާ އިރު ފިއްލަވައިގެން ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވި އިރު ކުރިންވެސް ފިއްލަވައިގެން ވަޑައިގަތީ ސެކިއުރިޓީ ބަލަހައްޓަނިކޮށްކަން ފާހަގަ ކުރެވެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ދައުވާ ތަކަކީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ކުށުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ މައްސަލަ ބޭރުކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މިހާރު ވަނީ ސަސްޕެންޑް ކޮސްފައެވެ.