އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ މީހުންގެ އަދަދު 300 އިން މައްޗަށް އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.
މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި އެ ކޮމިޝަނުން ހިންގި ތަހުގީގުން އެނގުނީ ރާއްޖޭގެ އެންމެ އަގުބޮޑު މުދާ ނުހަމަގޮތުގައި ބޭނުންކޮށްފައިވާ ކަން ކަމަށާއި އަދި އެއީ ޕްލޭން ކޮށްގެން، އެތައް ބަޔަކު ގުޅިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާނާތުގައި ބައިވެރިވި މީހުންގެ އަދަދު 300 އިން މައްޗަށް އަރާފައިވާ ކަމަށް އައްސަދު ވިދާޅުވިއިރު، އޭސީސީން ހާމަ ކޮށްފައި ވަނީ އެ ހިޔާނާތުގައި ބައިވެރިވި އެސްއޯއެފް ކުންފުނިން ފައިސާ ލިބުނުކަމަށް 155 ފަރާތެއްގެ ނަމެވެ.
"މިހާރު އެ އަދަދު ހުރީ 300 އަށް ވުރެ މަތީގައި. އެކަމަކު މީގެ ދެ ހަފްތާ ފަހުން އެ އަދަދު އަނެއްކާވެސް އިތުރުވެދާނެ. އިތުރުވަނީ، އަޅުގަނޑުމެން މި މައްސަލަ ބަލަމުންދާ ވަރަކުން އެ ލިސްޓަށް އިތުރު ނަންތައް ވަންނަމުންދާތީ" އައްސަދު
އެ ހިޔާނާތާ ގުޅިގެން، ތުހުމަތުކުރެވޭ ފަރާތްތައް އޭސީސީ އާއި، ފުލުހުންނާއި ބަންޑާރަ ނައިބުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލާ ގުޅިގެން، ފޮނުވާފައިވާ ކަމަށާއި އޭގައި ބަލާފައިވަނީ، އެ މީހަކު އެ ވަގުތު ހުރި މަގާމެއްގެ އިތުރުން، ފައިސާ ލިބުނު އަދަދާއި ހެކި ހުރި މިންވަރުގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭސީސީން އާއްމުކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ 155 މީގެއްގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ ވަދެފައި ވާކަމަށާ 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.