މިހާތަނަށް އައިއިރު ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށްޓަކައި، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ދިރިއުޅެމުންދާ ދުނިޔޭގެ އެންމެ ފަގީރު މީހުންނަށް ވަގުތީ އާމްދަނީއެއް ލިބޭނެ އިންތިޒާމު ހަމަޖައްސާދިނުން ބުއްދިވެރި ކަމަށް އދއިން ބުނެފިއެވެ.

ތަރައްގީއާއި ބެހޭ އދގެ މަޝްރޫއު (ޔޫއެންޑީޕީ) އިން އާންމު ކުރި ރިޕޯޓްގައި ބުނެފައިވަނީ މިފަދަ ފަންޑެއް ހަމަޖައްސާދެވިއްޖެނަމަ، ތަރައްގީ ވަމުން އަންނަ 132 ގައުމެއްގައި ތިބި 2.7 ބިލިއަން މީހުންނަށް، ގޭގައި މަޑުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ އާކީމް ސްޓޭއިނާ ވިދާޅުވީ، މާޒީ ދެކެފައި ނުވާ ފަދަ ކަމަކާ ކުރިމަތިލާއިރު، މާޒީ ދެކެފައި ނުވާ ފަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން، ދުނިޔޭގެ އެންމެ ފަގީރު އާބާދީއަށް، ވަގުތީ އާމްދަނީއެއް ހަމަޖައްސީދިނުމަކީ، މިމޭރުމުން އުފެދުނު އެއް ފުރުސަތުކަމަށް އޭނާ ވިދާޅުވިއެވެ. ބެއިލްއައުޓްއާއި ރިކަވަރީ ޕްލޭންތަކަކީ ހަމައެކަނި ބޮޑެތި ބާޒާރުތަކާ ވިޔަފާރިތަކަށް ހާއްސަ ކަމެއްގެ ގޮތުގައި އޮވެގެން، ވާން ނެތް ކަމަށްވެސް ޔޫއެންޑީޕީގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިލާންޖެހިފައިވާ އެކި ކަހަލަ ތަކުލީފުތަކާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންތިހާ ފަގީރު ކަމުގެ ތެރެއަށް ވެއްޓޭ މީހުންގެ އަދަދު އިތުރުވާނެ ކަމުގެ އިންޒާރު، އދއިން ވަނީ ދީފައެވެ.