ދުނިޔެއިން ބޭރު ޕްލެނެޓަކަށް ޗައިނާއިން ކުރާ ފުރަތަމަ މިނިވަން ދަތުރުގައި، މާސް ތަރިއަށް ދާ ޗައިނާގެ ޖައްވީ މިޝަން އުދުއްސާލައިފިއެވެ.

މިއީ ޖައްވީ ދުނިޔޭގެ ބާރުވެރިކަމުގައި ޗައިނާގެ ވަރުގަދަ އަޒުމު ރަމްޒުކޮށްދިނުމަށާ، ޓެކްނޮލޮޖީގެ ގާބިލިއްޔަތުކަން ދައްކުވާދޭ މިޝަންއެއް ކަމަށް ސިފަކުރެވެއެވެ.

ޗައިނާގެ އެންމެ ބިޔަ ކޮރެކޓް ކެރިއާ ލޯންގް މާޗް 5 ވައި-4، ވިންޗެންގް ސްޕޭސް ލޯންޗް ސެންޓަރުން އުދުއްސާލީ ޖީއެމްޓީ ގަޑިން ފަތިހު 04:41 ގައެވެ.

މި މިޝަންއަށް މާސްއަށް ދެވޭ ވަރުވާނީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު ކަމަށް ލަފާކުރެވެއެވެ. އެއަށްފަހު، މާސް ތަރިއާ ބެހޭ ދިރާސާތައް ކުރުމުގައި 90 ވަރަކަށް ދުވަސް ހޭދަކުރާނެއެވެ.

މީގެ 2000 އެއްހާ އަހަރު ކުރިން ލިޔެފައިވާ ޗައިނާގެ ޅެމަކަށް ނިސްބަތްކޮށް، "ޓިއަންވެން-1" ގެ ނަން ދީފައިވާ މިޝަން ކާމިޔާބުވެއްޖެ ނަމަ، ޗައިނާ ވާނީ، އިފްތިހާތީ މިޝަންއެއްގައި މާސް ތަރި ވަށައިގެން ދަތުރުކޮށް، އެތަރީގެ ސަތަހާގައި ޖައްސާ، އެ ތަރީގައި ރޯވާއެއް ހަރަކާތްތެރިކުރުވާ ފުރަތަމަ ގައުމަށެވެ.

އެމެރިކާއާއި ވިލާތުގެ އިތުރުން އިންޑިއާ ހިމެނޭހެން ޖުމުލަ 8 ޖައްވީ އުޅަނދެއް މިހާރުވެސް ދަނީ މާސް ތަރިއާއި ދިމާލަށް ނުވަތަ އެ ތަރި ވަށައިގެންވާ ސަރަހައްދުގައި ދަތުރު ކުރަމުން، ނުވަތަ އެ ފަދަ ރޭވުންތަކެއްގެ މަރުހަލާގައެވެ.

މާސްތަރީގެ ދިރާސާތަކެއް ކުރުމަށް މިދިޔަ ހޯމަ ދުވަހު، އެކުވެރި އަރަބި އިމާރާތުންވެސް ވަނީ ޖައްވީ މިޝަނެއް އުދުއްސާލާފައެވެ. ޔޫއޭއީގެ ދިރާސާއަކީ މާސްތަރީގެ މޫސުމާ ބެހޭ ދިރާސާތަކެއް ކަމަށް ޚަބަރު ލިބެއެވެ. ޗައިނާއިން މާސްތަރީގައި ކުރިއަށް ގެންދާނީ އެ ޕްލެނެޓްގައި ފެނާ، ގަނޑުފެން ހުރިތ ބެލުން ފަދަ ދިރާސާތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.