ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ހައި ކޯޓުގައި މިއަދު އެދިއްޖެއެވެ.
ދައުލަތުން މިހެން އެދިފައި ވަނީ، މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމަކީ ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލުކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައެވެ.
އެ އަޑުއެހުމަށް ވަން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުގެ އަޑުއެހުމުގައި ޕީޖީން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް އެ އަޑުއެހުމުގައި އަދީބު ބަންދުގައި ބެހެއްޓުމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދު މެންދުރުފަހު 3:00 އެއްގައި އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަން އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ފަނޑިޔާރުންގެ ބެންޗުން އެ ގޮތަށް ކަނޑައެޅުއްވީ މިއަދުގެ އަޑުއެހުމަށް އަދީބު ވަކީލަކާ ނުލައި ހާޒިރުވެ، ވަކީލެއް ހަމަޖެއްސުމުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގަތުމުން ކަމަށް ވެއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުނީ މީގެ ކުރިން އޭނާ ފިލައިގެން ގޮސްފައި ވާތީ އަދިވެސް އެ ފުރުސަތު އޮތް ކަމަށް ދެކޭތީ ކަމަށް ދައުލަތުގެ ވަކީލާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި، އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށާއި އެކަމަށް ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން ހުށަހަޅުއްވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދީބު މިނިވަން ކުރުމާ ގުޅިގެން ޝަމީމް ވިދާޅުވެފައި ވަނީ އެހުކުމް އިއްވާފައި ވަނީ އިއުތިރާފު އެއްބަސްވުމާ ގުޅޭ ގޮތުން އަމަލުކުރުމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށާއި އެފަދަ އެއްބަސްވުމެއް ބާތިލުކުރަން ނިންމުމުގެ ކުރިން ޕީޖީ އަލުން ތަހުގީގުކުރަން ބޭނުންތޯ ސުވާލުކުރަން ޖެހޭނެ ކަމަށެވެ.
މި މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒްގެ މައްޗަށް އެ މައްސަލައިގައި ބޮޑެތި ތުހުމަތުތެކެއް ކޮށްފައެވެ. އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ މިނިވަންވެފައެވެ.
އަދީބު މިނިވަން ވުމާއެކު ވަނީ އަދީބަށް ފުރާވަޑައިގަތުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަށް ކޯޓު އަމުރެއް ވެސް ނެރެފައެވެ. އަދި އަދީބު މިނިވަން ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށާއި އޭނާ ވަނީ 60 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.
އަދީބުގެ މައްޗަށް ކުރާ 7 ދައުވާއަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.