އިންގްލިޝް ޕްރިމިއާ ލީގު ފޯމެޓަށް އިނގިރޭސި ފުރަތަމަ ޑިވިޝަން ކުޅެން ފެށި ފަހުން ފުރަތަމަ ފަހަރަށް ލިވަޕޫލް ލީގު ތަށި އުފުލާލައިފިއެވެ.
މިއީ 30 އަހަރުގެ ތެރޭގައި އެޓީމުން މި ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ރޭ ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި އެޓީމަށް ތަށި ހަވާލުކުރުމަށް ހާއްސަ ހަފްލާއެއް ބާއްވާފައިވަނީ އަމިއްލަ ދަނޑުގައި މި ސީޒަންގައި އެޓީމުން ކުޅޭނެ އެންމެ ފަހު މެޗަށް ފަހުއެވެ.
ތާވަލުގެ ތިން ވަނައިގައި އޮތް ޗެލްސީއާ ވާދަ ކުރި މި މެޗު ޗެމްޕިއަން ލިވަޕޫލް ކާމިޔާބުކުރީ 5-3 އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލުން ވަނީ 3-0 ގެ ލީޑެއް ނަގާފައެވެ. އެއީ އެޓީމުގެ ނަބީ ކެއިޓާގެ ހިތް ގައިމު ލަނޑަކާ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްގެ ހިތްގައިމު ހިލޭ ޖެހުމާ އަދި ޖީނީ ވަނައިލްޑަމްގެ ރީތި ގޯލާއެކުއެވެ. ހާފް ނިމުމުގެ ކުރިން ޗެލްސީއިން ވަނީ ލަނޑެއް ޖަހާ 3-1 އަކަށް ސްކޯ ހަދާފައެވެ.
ދެވަނަ ހާފްގައި ހަތަރު ލަނޑު ފެނިގެން ދިޔަ އިރު ލިވަޕޫލުން ވަނީ ފުރަތަމަ ލަނޑު ޖަހާ ސްކޯ 4-1 އަކަށް ހަދާފައެވެ. އެހެންނަމަވެސް ޗެލްސީއިން ގެނައި ބަދަލާއެކު އެޓީމުން ކައިރި ކައިރީގައި ދެ ލަނޑު ޖަހާ ސްކޯ 4-3 އަކަށް ހެދިއެވެ. ލިވަޕޫލްގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަހު ހާފްގައި ކުޅެން ނިކުތް އެލެކްސް އޮކްސަލޭޑް ޗެމްބަލީންއެވެ.
މި މެޗަށް ފަހު އެންފީލްޑްގައި ބޭއްވި ހަފްލާއެއްގައި ލިވަޕޫލަށް ތަށި ހަވާލުކުރި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މެނޭޖަރު ކެނީ ޑަގްލިޝްއެވެ. ޑަގްލިޝްއަކީ މީގެ ތިރީސް އަހަރު ކުރިން ލިވަޕޫލްއަށް ތަށި ހޯދަދިން އެންމެ ފަހު މެނޭޖަރެވެ.
މިސީޒަންގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލުން ތަށި ހޯދާފައިވަނީ ރިކޯޑް އަވަސް މިނެއްގައެވެ. މި ގޮތުން އެޓީމުން ލީގު ތަށި ކާމިޔާބުކުރީ ބާކީ ހަތް މެޗު ކުޅެން އޮއްވައެވެ. އެޓީމުން މިހާތަނަށް ސީޒަންގައި ބަލިވެފައިވަނީ ދެ ފަހަރެވެ. އަދި އެއްވަރު ވެފައި ވަނީ ތިން ފަހަރެވެ.
ރޭގެ މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތުން ޖާގައެއް ޗެލްސީއަށް ކަށަވަރުވާނެއެވެ. އެހެން ނަމަވެސް މިކަން ހާސިލް ކުރަން ޗެލްސީއަށް ދެން ޖެހޭނީ ސީޒަންގެ އެންމެ ފަހު ދުވަހު ވުލްވްސްއާ ކުޅޭ މެޗުން ޕޮއިންޓެއް ހޯދާށެވެ.