ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 15 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 15373616 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދުގެ ހާލަތަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދަނީ އެމެރިކާ، ބްރެޒިލް، އިންޑިއާ، ރަޝިއާ އަދި ދެކުނު އެފްރިކާއިންނެވެ.

އެމެރިކާއިން 4.1 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު، ބްރެޒިލްއިން 2.2 މިލިއަން މީހުން އަދި، އަވަށްޓެރި އިންޑިއާއިން 1.2 މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 5394220 ކޭހެވެ. މީގެ ތެރެއިން 99 ޕަސެންޓް ޕޭޝަންޓުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް، 66240 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކޮވިޑް-19ގައި މަރުވި މީހެއްގެ އާއިލާ މެމްބަރަކު ސަހަރާގައި ހަރަކާތްތެރިވަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 630193 އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެގެން ރެކޯޑްކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ބްރެޒިލް، އިނގިރޭސިވިލާތް، މެކްސިކޯ އަދި އިޓަލީވިލާތް ހިމެނެއެވެ. މި ލިސްޓުގައި އިންޑިއާ އޮތީ 7 ވަނައަށެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ކޮވިޑް-19ގައި އިންޑިއާއިން މަރުވާ މީހުންގެ ހަގީގީ އަދަދުތައް މިއަށްވުރެ މާ ގިނަވާނެއެވެ.

ކޮވިޑް-19 އަށް އަދިވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، މި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 9349203 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.