އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް މެންބަރަކު އައްޔަންކޮށްފިއެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކޮށްފައި ވަނީ އާމިނަތު އުއްމު ކުލްސުމް، މޫންލައިޓް ހައުސް / ސ. މަރަދޫ އެވެ. އާންމުންގެ ތެރެއިން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށްޓަކައި މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެމަގާމަށް އުއްމުކުލްސުމް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓުންނެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު ހޮވާފައި ވަނީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި 5 ފަރާތާ އިންޓަވިއު ކުރުމަށްފަހުއެވެ. އެގޮތުން އުއްމުކުލްސުމްގެ އިތުރުން އެ މަގާމަށް ކުރިމަތިލީ، އަލީ މުހައްމަދު މަނިކު، އާދަމް މިގްދާދް، އަހްމަދު މިޒްމާދް އަދިި އަހްމަދު ނަސީރެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރު ފިޔަވާ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ޖޭއެސްސީގެ މެންބަރުންގެ ތެރެއިން އާންމު މެންބަރުގެ މަގާމަށް މެންބަރަކު މިއަދު އިންތިހާބު ކޮށްފައިވާއިރު، ޖޭއެސްސީގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމުވެސް އޮތީ ހުހަށެވެ. އެއީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވާފައިވާތީއެވެ.