5 ފަހަރު ތަސްބީހަ ކިޔާހެން ކިޔަސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖެއެސްސީ) އިން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޢައިރުދުސްތޫރީ ބާތިލުކަންތައް ސައްހަ ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ ވިދާޅުވީ ދުވާލަކު 5 ފަހަރު ތަސްބީހަ ކިޔާހެން ތިމަންނަމެން ކަންތައް ކުރަނީ ރަނގަޅަށޭ ބުންޏަސް ޖެއެސްސީން ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޢައިރުދުސްތޫރީ ބާތިލުކަންތައް ސައްހަ ނުވާނެ ކަމަށާއި، ސުލޫކީގެ ނަމުގަ ޖޭއެސްސީން ބަލާ 90 ޕަސަންޓް ކޭސްތަކަކީ ޖުޑިޝަލް ފަންކްޝަންގެ ތެރެއަށް ވަންނަ ކަންތައްތައް ކަމަށެވެ.

ޑރ. ދީދީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޖޭއެސްސީން ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވަކި ފަނޑިޔާރަކާ މެދު ވަކި ގޮތަކުން އަމަލު ކުރުމުގެ ނިޔަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދު މިހެން ވިދާޅުވީ، ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް، މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވި މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާ އެކަން އިއުލާން ކުރައްވަމުންނެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހަށް މިއަދު އައިސްފައިވާ ފަނޑިޔާރުގެ މައްސަލައަކީ މަޖިލީހަށް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ އެއް ފަނޑިޔާރުގެ މައްސަލަ ކަމަށެވެ. އަދި މަޖިލީހުގެ އަމާޒަކީ ތަފާތު ކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ ކަންކަން ހިފަހައްޓައިދޭން ޖޭއެސްސީއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، ވަކި ފަނޑިޔާރަކަށް ވަކި ގޮތަކަށް އަމަލު ކުރުމުގެ ނިޔަތެއް ގެންގުޅުމުގެ ވިސްނުން ނެތް ކަމަށާއި އޮވެގެން ވެސް ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއެކު މި މަޖިލީސް އިންތިހާބުވެފައި ވަނީ ވަރަށް މުހިއްމު ވައުދުތަކެއް ރައްޔިތުންނަށް ވަމުން ކަމަށެވެ. އޭގެ ތެރެއިން ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ އެންމެ މުހިއްމު ވައުދު ކަމަށެވެ. އެ މަސައްކަތް ކުރަން ވަގުތުތަކެއް ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، މި މަސައްކަތް ދާނީ އެއް ރޭ މަތިން ނޫން ކަމަށާއި، އިޖުރާއަތްތަކެއް ފުރިހަމަކުރެވި، ދާއިމީ ގޮތެއްގައި މުއައްސަސާތައް ވަރުގަދަ ކޮށްދީ، މުއައްސަސާތަކުން ތެދުވެރިކަމާ އެކު ކަންކަން ނިންމޭނެ ގޮތަށް ނިޒާމުތައް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.