ފުލުހުންގެ ފޮރިންސިކް ޓީމުން ކޮވިޑް-19އާ ގުޅިގެން ހެދި ޓެސްޓްގެ އަދަދު 10،000 އަރައިފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދާ ހަމައަށް ފުލުހުންގެ ފޮރިންސިކް ޓީމުން ކޮވިޑް-19 އަށް 10،000 ޓެސްޓު ހަދާފައިވާ ކަމަށެވެ.
އެގޮތުން މަހަކު 100 ކޭސްވޯކް ފެށި ހަފްތާއަކު ގާތްގަނޑަކަށް 1000 ޕީސީއާރް ޓެސްޓުގެ ނަތީޖާ ހޯދަމުން އަންނަ ކަމަށް ވެސް ސީޕީ ވަނީ އެ ޓުވީޓުގައި ފާހަގަކުރައްވާފައެވެ. އެކަން ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު ސީޕީ ވަނީ ފޮރިންސިކް ޓީމަށް މަރުހަބާ ވެސް ވިދާޅުވެފައެވެ.
އައިޖިއެމްއެޗުން ވެސް ވަނީ މިދިޔަ ހަފްތާ ތެރޭ އެ ހޮސްޕިޓަލްގެ ލެބޯޓްރީން 50،000 ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށް ބުނެފައެވެ. އައިޖީއެމްއެޗްގައި 24 ގަޑިއިރު ކޮވިޑަށް ޓެސްޓް ކުރަމުންދާއިރު، އޭޑީކޭގައިވެސް ދަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ.
ހަމަ އެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި ދެނެގަތުމަށް ތަހްލީލްތައް ކުރުމަށްޓަކައި، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ ހަތް ރަށެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހެވެ.
އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓައަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.