އަންގާރަ ދުވަހުގެ ހެނދުނުގެ ފަހުން ވީނުވީއެއް ނޭނގި ގެއްލުނު ޕާކިސްތާނުގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ މަތީއުﷲ ޖާން، 12 ގަޑިއިރަށް ފަހު "ސަލާމަތުން ހުއްޓާ" ފެނިއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާއަށް މައުލޫމާތު ދެމުން މަތީއުﷲގެ ޖާން އަންހެނުން، ކަނީޒް ސުގްރާ ބުނީ، މަތީއުﷲ މިނިވަންކޮށްފައި ވާކަމަށާ، އޭނާ މިހާރު ހުރީ އާއިލާއާއެކުގައި ކަމަށެވެ.

ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ޝިބްލީ ފަރާޒްވެސް ވަނީ، މަތީއުﷲ "ވަގަށް ނެގި" ކަމަށް އިޝާރާތް ކުރައްވާފައެވެ. ބޮޑުވަޒީރު އިމްރާން ހާން ކޮންމެ ހަފުތާއަކުވެސް ކުރިއަށް ގެންދަވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ފަރާޒް ވިދާޅުވީ، އަދި ހުރިހާ ތަފްސީލެއް ލިބިވަޑައި ނުގަންނަވާ ކަމަށާ، ނަމަވެސް މަތީﷲ ވަގަށް ނެގިކަން ސާފުވާކަމަށެވެ.

މަތީއުﷲ ޖާންއަކީ ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، ލިޔުންތައް ލިޔަމުންދިޔަ، މަގުބޫލު ނޫސްވެރިއެކެވެ. މާތީﷲ ޖާންއަކީ ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރަށްވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންދާ ނޫސްވެރިއެކެވެ. މީގެ އިތުރުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ހުސްވި ހަފުތާގައި ވަނީ، ޖުޑީޝަރީއަށް ފާޑުކިޔައިގެން މާތިއުﷲ ކުރި ޓްވީޓަކީ ކޯޓުގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ބުނެ، އޭނާއާއި ދެކޮޅަށް އިންޒާރެއް ނެރެފައެވެ.

ކުއްލި ގޮތަކަށް މަތީއުﷲ ގެއްލުމާ، 12 ގަޑިއިރަށްފަހު އާއިލާއާއި ހިސާބަށް އޭނާ އެނބުރި އައި ގޮތުގެ ތަފްސީލްތަކެއް އަދި ނުލިބެއެވެ.