ސިއްހީ މަހީރުންގެ ކަންބޮޑުވުން ތަކަށް ހައްލު ލިބޭގޮތަށް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގަނޫނު ބަދަލުކުރަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝަމް ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ކުރިން ވެސް އަދި މިހާރު ވެސް ތާއީދު ނުކުރައްވާ ކަމަށެވެ. ސިއްހީ މާހިރުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް ބިލަށް ބަދަލު ގެނައުމަކީ މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލުކުރުމަށް ތާއީދު ނުކުރައްވާ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. އޭރު އުޝާމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރުހުން ހޯދުމަށް ވުރެ ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮންނަ ގޮތަށް ބިލު ބަދަލުކުރުމަކީ ރަނގަޅުކަމެއް ކަމަށް ދެެކެވަޑައިގަންނަވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނާރުގެ ހާއްސަ ޑރ. އަލީ ނިޔާފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ. އަލީ ނިޔާފް ވިދާޅުވެފަިއ ވަނީ އެޕިޑެމިކް އެއް ޕެންޑެމިކް އަކަށް ބަދަލުވެ، މުޅި ދުނިޔޭގައި އެ ބަލިމަޑުކަން ފެތުރެމުން ދާއިރު ޑޮކްޓަރުންނާއި އެކަމާ ހަވާލުވެ ތިިބި މީހުންނަށް ބާރު ނުފޯރާ ވަރުގެ ޕޮއިންޓުތަކެއް ބިލުގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ގަރާރު ބާތިލުކުރުމުގެ ބާރު މަޖިލީހަށް ދިން ނަމަވެސް، އޭގެ ކުރިއަށް "ސިއްހީ މާހިރުންގެ ލަފަޔާއެކު" ގަރާރު ބާތިލްކުރުމުގެ ބާރު މަޖިލީހަށް ދިނުމުން މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ހަމައެއާއކު މިސްކިތްތައް ބަންދުކޮށް، ދީނުގެ އެންމެ މުހިންމު އެއް ކަންތައް ހުއްޓުވޭއިރު، ބަލި ފެތުރޭނެ ހާލަތަކާ ގުޅޭގޮތުން ސިއްހީ ދާއިރާއިން ކަނޑައަޅާފައި އޮތް މިންގަނޑަކަށް ނުފެތޭ ހާލަތެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނިޔާފް ވިދާޅުވެފައި ވެއެވެ. މިސްކިތެއް ބަންދު ކުރުވޭ ހާލަތަކަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑރ. ނިޔާފް ވިދާޅުވެފައި ވެއެވެ.