ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަނުޖެހުން ހިންގަނީ އެ މީހުންނަށް މުސާރަ ނުދޭތީ ނޫން ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ފަރާތްތަކެއް ވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގަައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގައި މި ފަހުން ބިދޭސީން ހިންގާފައިވާ ހަމަނުޖެހުންތަކުގެ ހުރިހާ ހާދިސާތަކުގައި ވެސް ބިދޭސީން ފުލުހުންނަށް ހަމަލާ ދިން ކަމަށާއި އެއީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާ ހުރި ކަމެއް ކަމަށެވެ.

އަދި އެމީހުންގެ އަމަލުތައް ހުންނަ ގޮތުން އެ އުޅެނީ ކޮންމެހެން މުސާރަ ނުލިބިގެން ނޫން ކަން ސަބިތުވާ ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައި ވާ ފަރާތްތަކެއް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އެގޮތުން ފާހަގަ ކުރައްވާފައި ވަނީ ބޮޑުފިނޮޅު މައްސަލާގައި ބިދޭސީން ނިކުމެ ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިން ކަމަށާއި ނަމަވެސް ކޫއްޑޫ އަދި ހެރެތެރެ ރިސޯޓުގެ މައްސަލާގައި އެ މީހުން ބުނަނީ އެނބުރި ގައުމަށް ދާން ބޭނުންވާ ވާހަކަ ކަމަށެވެ.

އަދި ހުޅުމާލޭގެ ޕޮލްކޯ އަދި ސިފްކޯ ހިޔާގެ ފްލެޓުތަކަށް އައިލެންޑް އެކްސްޕާޓުގެ ފަރާތުން ގެނެސްފައިވާ ބިދޭސީން ވެސް ނިކުމެ ހަމަނުޖެހުން ހިންގާފައި ވަނީ އެ ކުންފުނިން މުސާރަ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮންމެހެން މުސާރަ ނުލިބި ހައްގެއް ހޯދަން ނިކުންނަނީކީ ނޫންމ އަދި މީގަ ފޮރުވިފައިވާ ފަރާތްތަކެއް ވެސް ވާނެކަން ގަބޫލު ކުރެވޭ. އެހެންވެ އެކަންކަމާ ބެހޭ ގޮތުން ބަލާ ތަހުގީގު ކުރަމުން މިދަނީ
މާރިޔާ

މީގެ އިތުރުން މާރިޔާ ވިދާޅުވީ ބައެއް ފަހަރު މިއީ އިންސާނީ ވަގުފާރީގެ ގޮތުގައި ސޯޝަލް މީޑިއާގައި، ވާހަކަ ދެކެވެމުން އަންނަ ކަމަށާއި، ނަމަވެސް ގާނޫނުގައިވެސް އަދި ޔޫއެން ޕްރޮޓޮކޯލުގައިވެސް މިފަދައިން ނޯންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މިފަދަ ގޮތްގޮތަށް ވާހަކަ ދައްކައިގެން ރާއްޖޭގެ މަސްލަހަތަށް ގެއްލުންވާނެ ކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމަށް މަޖިލީހުގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަން ގެނެސްފައި ތިބި ބިދޭސީން އެ ރަށުގައި ހަމަނުޖެހުން ހިންގާ އެރަށުގައި މަސައްކަތް ކުރި ދިވެހިން ތަކެއް ރަހީނު ކުރީ މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވައެވެ. ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ބިދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ ބަންދު މަޖިލީހުގައި މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ.

މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް ޖެހި މުއްދަތު ވަނީ ދެވަނަ ފަހަރަށް އިތުރު ކޮށްފައެވެ. އަދި އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.

ބިދޭސީންގެ މައްސަލަތައް އިތުރު ވަމުން އަންނައިރު އިއްޔެވެސް ވަނީ ވ އަތޮޅުގެ ރަށެއްގައި ބިދޭސީން ހަމަނުޖެހުން ހިންގާފައެވެ. އަދި ހުޅުމާލޭގައި ސިފައިންނާާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ތަކެއް ވަނީ މިމަހުގެ 14 ވަނަ ދުވަހު ހަމަނުޖެހުމެއް ހިންގާފައެވެ. އަދި މިމަހުގެ 6 ވަނަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައި ވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެހާ ލާރި ވެސް އެމީހުންގެ އަތުގައި ނެތް ކަމަށެވެ.