ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތަކުންވެސް ނުގަވައިދުން ބިދޭސީން ގެނގުޅެމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތަކުން ގަަވައިދާ ހިލާފަށް އެތައް ބިދޭސީންތަކެއް އެތެރެ ކުރާ ކަމަށާއި ކުރިޔަށް އޮތް ހަ އަހަރުގެ މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ވެސް ރާއްޖޭގައި ބިދޭސީން އެބަތިބި ކަމަށެވެ.
އެހެންކަމުން އެ ބިދޭސީން އަލުން ގާނޫނުގެ ތެރެއަށް ވައްދާ ބޭނުން ހިފުން ފަދަ ހައްލުތައް ގެންނަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަަށް ލަފާ ދީފައިވާނެ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމާލް ވިދާޅުވެފައި ވަނީ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އެގޮތުން ފާހަގަ ކުރައްވާފައި ވަނީ ރާއްޖޭގައި ތިބި ޒުވާނުންގެ އަދަދަށްވުރެ ބިދޭސީންގެ އަދަދު މައްޗަށް ގޮސްފައި ވާކަމަށާއި، މިއީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ފާހަގަކުރެއްވޭ ކަމަށެވެ. ޝަމާލް ވިދާޅުވީ މި މައްސަލަ ވަރަށް ކުރިންވެސް ވާނީ ބަލަން ފަށާފައި ކަމަށާއި، އެތައް އަހަރުތަކެއް މި މައްސަލަތަކަށް ވެފައި ވާއިރު އަދިވެސް އެއްވެސް ހަރުދަނާ ފިޔަވަޅުތަކެއް މިކަމަށް އެޅިފައި ނުވާކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މިހާރު މިކަން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ގޮސްފައި ވާއިރު ރާއްޖޭގެ ޒުވާނުންގެ އާބާދީއަށް ވުރެ ރާއްޖޭގައި އޮތް ބިދޭސީންގެ އާބާދީ ބޮޑު ފާހަގަ ކުރައްވާ ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ސީރިޔަސް މައްސަލަ އެއް ކަމަށާއި އެ މައްސަލަ ހައްލު ކުރަން ގައުމުގެ ދިފާއީ ބާރުތަކުގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.