ބޭންކް އޮފް މޯލްޑިވްސް އިން 40 ކޭޝް އެޖެންޓުންނާއެކު އަތޮޅުތެރޭގައި ކޭޝް ޑިޕޮސިޓް އަދި ޕޭމަންޓް ސާވިސްގެ ހިދުމަތް ފުޅާކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެހިދުމަތާއެކު ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

ބީއެމްއެލްގެ ހިދުމަތް ފުޅާ ކުރުމާ ބެހޭ ގޮތުން އެ ކުންފުނީގެ، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބޭންކުގެ ޕީއޯއެސް ވިއުގަ މެދުވެރިކޮށް ދޭ "ކޭޝް އެޖެންޓް" ހިދުމަތަކީ ބޭންކިން ހިދުމަތް ފޯރުކޮށްދޭން ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ބޭންކުގެ ޕީއޯއެސް ވިއުގަ މެދުވެރިކޮށް ދެވޭ ކޭޝް އެޖެންޓް ހިދުމަތަކީ މުޅިރާއްޖެއަށް ބޭންކިންގ ހިދުމަތްފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާއެކު ހިދުމަތްދެވެމުންދާ މޮޑެލްއެއް. އޭޓީއެމްއެކޭ އެއްފަދައިން ކަސްޓަަމަރުންނަށް ކޭޝް އޭޖެންޓް ހިދުމަތްވެސް ބޭނުންކުރެވޭނެ. މިގޮތުން ކަސްޓަމަރުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބިގެންދާނެ. ބޭންކިންގ ހިދުމަތް ހޯދުމަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރއެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދޭނެ
ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ

މުޅިރާއްޖެއަށް ބޭންކިންގް ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެގޮތުން މިއަދާ ހަމަޔަށް 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ދަނީ ފޯރޮކޮށްދެމުންނެވެ. އަދި މިއަދާ ހަމަޔަށް ގާއިމްކޮށްފައިވާ ޑިޕޮަސިޓް ހިދުމަތް ފޯރުކޮށްދޭ 40 ރީޓެއިލް ފިހާރަ މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު ބީއެމްއެލުން ދަނީ 20 އަތޮޅުގައި 38 ބްރާންޗް، 58 ސެލްފްސަރވިސް ބޭންކިންގް ސެންޓަރު ގާއިމް ކޮށްފައެވެ.އަދި 121 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.