އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރައްޔިތުން މަޖިލީހަށް ވަޑައިގަންނަވަނީ ގަޑިޖެހިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެ ޒާތީ ކަންކަން ސޯޝަލްމީޑިއާއާ ހަމައަށް ތިލަކޮށްފިއެވެ.

އިމްތިޔާޒު އެހެން ވިދާޅުވެފައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގައި ޕެންޑަމިކް ހާލަތުގައި ޑޮކްޓަރުންނަށް ބާރު ނުފޯރާ ފަދަ ޕޮއިންޓްތަކެއް ބިލުގައި ހުރުމުން އެކަމާ ނާރުގެ ޑޮކްޓަރު ޑރ. އަލީ ނިޔާފް ކަންބޮޑުވުން ފާޅުކުރެއްވުމުން ރޮޒައިނާ އެކަމަށް ތާއީދު ކުރައްވާ ކުރެއްވި ޓްވީޓުތަކަކާ ގުޅިގެންނެވެ.

އެގޮތުން އިމްތިޔާޒު ވިދާޅުވީ އޭނާ ނިދިކުރައްވަން ވަޑައިގަންނަވަނީ ކަމަށެވެ. އަދި ރޮޒައިނާ ނިދިނުކުރައްވައި ދަން ވަންދެން އޮންނަވާނެ ކަމަށާއި މަޖިލީހުން އާންމުކޮށް ފެނިވަޑައިގަންނަވާ ގަޑިއަކީ 11:30 ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އެ ޓްވީޓަށް ޖަވާބު ދެއްވަމުން ރޮޒައިނާ ވިދާޅުވީ މިހާރު "އެއީ ޒާތީ ވަނީ" ކަމަށެވެ.

އިމްތިޔާޒުގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ރޮޒައިނާ ކުރެއްވި ޓްވީޓަށް ރައްދު ދެއްވާފައެވެ. އެގޮތުން ވިދާޅުވީ ޕާލިމެންޓަރީ ގްރޫޕު ތެރޭގައި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ބަހުސް ކުރެވިދާނެ ކަމަށެވެ. އަދި އެކަން ކުރާނީ ސޯޝަލް މީޑިއާގައި ނޫން ކަމަށެވެ.

އާޒިމްގެ ވާހަކައަށް ރައްދު ދެއްވާ ޒޮޒައިނާ ވިދާޅުވީ ޑރ. ނިޔާފުގެ ވާހަކަ އަށް އެއްބަސްވެ ވަޑައިގަތީ އެއީ ރަނގަޅު ހިޔާލަށް ވެފައި، ކުރިއަށް ދަނީ ހިޔާލު ހޯދާ މަޝްވަރާ ކުރުން ކަމަށް ވާތީ ކަމަށެވެ. އަދި އާޒިމް އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވުމުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އެއީތޯ އައްސަވާ ރޮޒައިނާ ވަނީ ސުވާލު ކުރައްވާފައެވެ.

އެހެންނަމަވެސް ކުރީގެ ބާރަށުގެ ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު ޑރ. ނިޔާފުގެ ވާހަކަތަކަށް ތާއީދުކުރައްވާފައި ވާއިރު ސުޖާއު ވިދާޅުވީ ޑރ. ނިޔާފަކީ ޕްރޮފޭޝަނަލް ބޭފުޅެއް ކަމަށެވެ.

އަސްލު މައްސަލަ އަކީ ރައީސް ރަޝީދު ޖަލުގައި އޮތް ދުވަސްވަރު ރާއްޖެއިން ކުރެވޭ ފަރުވާ އަކަށް ބޭރަށް ދާން ލިޔުން ނުދިނުން. ޑޮކްޓަރު ކައިރީ ރޮވެފައި ރުޅިއައިސް އާދޭސް ކުރީމަ ވެސް އެ ލިޔުން ނުދެއްވި. އޭގެ ހަސަދަ މިހާރު ނިޔާފަށް ބޭލުމުގެ ބޭނުމެއް ނެތް.
އިބްރާހީމް ސުޖާއު

ސިއްހީ ކުއްލި ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާރުގެ ހާއްސަ ޑރ. އަލީ ނިޔާފް ވިދާޅުވީ އެޕިޑެމިކް އެއް ޕެންޑެމިކް އަކަށް ބަދަލުވެ، މުޅި ދުނިޔޭގައި އެ ބަލިމަޑުކަން ފެތުރެމުން ދާއިރު ޑޮކްޓަރުންނާއި އެކަމާ ހަވާލުވެ ތިިބި މީހުންނަށް ބާރު ނުފޯރާ ވަރުގެ ޕޮއިންޓުތަކެއް ބިލުގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.