ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއިން ތަރައްގީ ކުރަމުންދާ ވެކްސިންއަކީ ރައްކާތެރި، އަދި ދިފާއީ ނިޒާމުން އެދެވޭ އިޖާބަތަކެއް ދެނިވި ވެކްސިނެއް ކަމަށް މި ވެކްސިންގެ 2 ވަނަ ޓްރަޔަލްގެ ފުރަމަތަ މަރުހަލާގެ އިބްތިދާއީ ހޯދުންތަކާ ބެހޭ ރިޕޯޓް ބުނެފިއެވެ.
މި ވެކްސިން ދިންތާ 28 ވަނަ އައަށް ވީ ދުވަހު އެންޓިބޮޑީ ހަރަކާތްތަކުން އިޖާބަ ދިން ކަމަށާ، ޓީ ސެލްގެ އިޖާބައެއް 14 ދުވަހުގެ ތެރޭގައި ލިބުނު ކަމަށް، ސިއްހީ ދާއިރާގެ ލިޔުންތައް ޝާއިއު ކުރަމުން އަންނަ ދަ ލޭންސެޓްގައި އާންމު ކޮށްފައިވާ ރިޕޯޓް ބުނެއެވެ.
ޓީ ލިމްފަސައިޓް އަކީ ލިމްފަސައިޓްގެ ވައްތަރެކެވެ. ދިފާއީ ނިޒާމުން ހަށިގަނޑު ދިފާއުކޮށްދޭ ގޮތެއް ކަމުގައިވާ "ސެލްތައް ބޭނުންކޮށްގެން ހަށިގަނޑު ދިފާއުކުރުން ފުރިހަމަކުރުމުގައި ހިއްސާވަނީ ޓީ ލިމްފަސައިޓް ތަކެވެ. ޓީ ލިމްފަސައިޓް ތަކަށް ''ޓީ ސެލް އޭ ވެސް ކިޔައެވެ. ލިމްފަސައިޓް އަކީ ދިފާއީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. މިއީ ސީދާ ދިފާއުކުރުމުގެ ނިޒާމުގައި ހަރަކާތްތެރިވާ ސެލްތަކެކެވެ.
އޮކްސްފޯޑް ޔުނިވާސިޓީން ތަރައްގީ ކުރަމުންދާ ވެކްސިންގެ މި މަރުހަލާގައި 1077 މީހަކު ބައިވެރިވިއެވެ. އުމުރުނ 18 އަހަރާ 55 އަހަރާ ދެމެދު މި އެންމެނަކީވެސް ކޮވިޑް-19 ޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ނެތް މީހުންނެވެ.
ދިރާސާ ކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ ޕްރޮފެސާ އެންޑްރޫ ޕޮލާޑް ވިދާޅުވީ، މި ވެކްސިނަކީ ދިފާއީ ނިޒާމުން ހަނދާން ހުންނާނެ ވެކްސިނަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ، އޮކްސްފޯޑް ޔުނިވަސިޓީގެ ވެކްސިނަކީ ދިގު މުއްދަތަކަށް ދިފާއު ލިއްބައިދެނިވި ވެކްސިނަކަށް ވާނެ ކަމަށްވެސް އުއްމީދު ކުރައްވާ ކަމަށެވެ.
މި ވެކްސިން ބޭނުންކުރި ވޮލަންޓިއަރުންގެ ފަރާތުން ސީރިއަސް ސައިޑް އިފެކްޓްތަކެއް ނުފެނެއެވެ. ނަމަވެސް އާދަޔާ ހިލާފަށް ވަރުބަލިވުމާ، ބޮލުގައި ރިހުން ފަދަ ބައެއް އާންމު އަލާމާތްތައް ރެކޯޑް ކުރެވިފައި އެބަހުއްޓެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު، އޮކްސްފޯޑް ޔުނިވާސިޓީގެ މި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ފާހަގަކޮށްފައިވާ 23 ވެކްސިންގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ.