އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގައި ޕެންޑަމިކް ހާލަތުގައި ޑޮކްޓަރުންނަށް ބާރު ނުފޯރާ ފަދަ ޕޮއިންޓްތަކެއް ބިލުގައި ހުރުމުން އެކަމާ ޑރ. އަލީ ނިޔާފް ކަންބޮޑުވުން ފާޅުކުރެއްވުމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެކަމަށް ތާއީދު ކުރައްވައިފިއެވެ.
ރޮޒައިނާ ވިދާޅުވީ އާންމު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ފާސް ކުރުމުގައި ޑރ. ނިޔާފްގެ ހިޔާލަށް މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޑރ ނިޔާފް ފާހަގަ ކުރައްވާ ކަންކަމަށް ތާއީދު ކުރައްވާ ކަމަށެވެ.
ރޮޒައިނާގެ އެ ހިޔާލާއި ގުޅިގެން އެމްޑީޕީ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެއީ ސޯޝަލް މީޑިއާގައި ބަހުސް ކުރައްވަން ޖެހޭ ބިލެއް ނޫން ކަމަށާއި ރޮޒައިނާ އެ ހިޔާލަކީ މަގުބޫލުކަން ހޯދަން އުޅެން ޖެހޭ ބިލެއް ނޫން ކަމަށެވެ.
ރޮޒައިނާގެ އެ ހިޔާލާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ބިލުގައިވާ އެއްޗަކާމެދު ބަހެއް ބުނުމުގެ ކުރިން ރޮޒައިނާ ވިދާޅުވެފައި ނުވާ ކަމަށެވެ. ރޮޒައިނާ އަކީ އެމްޑީޕީގެ ޗީފް ވިޕެވެ.
އާޒިމްގެ ވާހަކައަށް ރައްދު ދެއްވާ ޒޮޒައިނާ ވިދާޅުވީ އެކަމަށް އެއްބަސްވެފައި ވަނީ އެއީ މިހަދަ ހާލަތެއްގައި ޑޮކްޓަރެއްގެ ހިޔާލަށްވެފައި އެއީ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ބިލަކަށް ވެފައި އެކަމާ މަޝްވަރާ ކުރެވެމުން ދާތީ ކަމަށެވެ. އަދި އާޒިމް އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވުމުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އެއީތޯ ވަނީ ސުވާލު އުފައްދަވާފައެވެ.
ސިއްހީ ކުއްލި ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ރޭ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާރުގެ ހާއްސަ ޑރ. އަލީ ނިޔާފް ވިދާޅުވީ އެޕިޑެމިކް އެއް ޕެންޑެމިކް އަކަށް ބަދަލުވެ، މުޅި ދުނިޔޭގައި އެ ބަލިމަޑުކަން ފެތުރެމުން ދާއިރު ޑޮކްޓަރުންނާއި އެކަމާ ހަވާލުވެ ތިިބި މީހުންނަށް ބާރު ނުފޯރާ ވަރުގެ ޕޮއިންޓުތަކެއް ބިލުގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހަމައެއާއެކު ޑރ. ނިޔާފް ވިދާޅުވީ މިސްކިތްތައް ބަންދުކޮށް، ދީނުގެ އެންމެ މުހިންމު އެއް ކަންތައް ހުއްޓުވޭއިރު، ބަލި ފެތުރޭނެ ހާލަތަކާ ގުޅޭގޮތުން ސިއްހީ ދާއިރާއިން ކަނޑައަޅާފައި އޮތް މިންގަނޑަކަށް ނުފެތޭ ހާލަތެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިސްކިތެއް ބަންދު ކުރުވޭ ހާލަތަކަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ.