މިދިޔަ ހޮނިހިރު ދުވަހު ބެލަރޫސް އިން ރާއްޖެއަށް އައުމަށް މިންސްކް އެއާޕޯޓަށް ދިޔުމުން ނުފުރުނު 26 ކުދިންނަށް ފުރޭގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ބެލަރޫސްއިން ރާއްޖެއަށް އައުމަށް މިންސްކް އެއާޕޯޓަށް ދިޔަ ދަރިވަރުންނަށް ދިމާވި މައްސަލަ ބެލަރޫސް ސަރުކާރާއި، ބެލާވިއާ އެއާލައިން އަދި ގަތަރު އެއާވޭސް އާއެކު ޖަރުމަންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮރިން މިނިސްޓްރީއިން ވާހަކަ ދައްކައި، މަޝްވަރާކޮށްގެން ވަނީ ހައްލުކުރެވިފައި ކަމަށެވެ.

(ބެލަރޫސްގައި ތިބޭ ދިވެހި ދަރިވަރުންނަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެނީ އެގައުމާ އެންމެ ކައީރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަންވިލާތުގައި ހުންނަ އެމްބަސީ އިން).-

ނުފުރިފައި މިންސްކް އެއާޕޯޓުގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރޭގެ ވަގުތެއްގައި ފުރާފައިވަނީ 9 ދަރިވަރެކެވެ. އެއީ 3 ދަރިވަރެއް މިންސްކްއިން އިސްތަންބޫލްއިން ދޯހާއިން މާލެއަށް އައުމަށް ފުރާފައިވާއިރު 6 ދަރިވަރެއް ވަނީ މިންސްކްއިން މިލާންއިން ދޯހާއިން މާލެއަށް އައުމަށް ރޭގެ ވަގުތެއްގައި ދަތުރު ފަށާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު މިއަދު 5 ދަރިވަރެއް ވަނީ މިންސްކްއިން އެންސްޓަޑަމްއިން ދޯހާއިން މާލެއަށް އައުމަށް މިއަދުގެ ވަގުތެއްގައި ދަތުރު ފަށާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އިތުރު 6 ދަރިވަރެއް މިންސްކްއިން އިންސްތަންބޫލުން ދޯހާއިން މާލެއަށް އައުމަށް މާދަމާގެ ވަގުތެއްގައި ފުރަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރު އަދިވެސް އެއްކޮށް ހަމަޔަކަށް ނޭޅޭތީއާއި، ގިނަ ގައުމުތަކެއްގެ ބޯޑަރު އަދިވެސް އެއްކޮށް ހުޅުވާލާފައި ނުވާތީ، އަދި ވިސާގެ ބައެއް އެރޭންޖްމަންޓްސްތަކަށް ބަދަލުތައް އައިސްފައިވާތީ، އަނބުރާ ރާއްޖެއަށް ދަތުރުކުރާ ދިވެހިންނާއި، ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެއާލައިންތަކާ ގުޅައިގެން ފްލައިޓް ރޫޓްތަކުން ދަތުރުކުރެވޭނެތޯ ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދަތުރުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއާމަންޓް ޓިކެޓް ނެގުމުގެ ކުރިން ބެލުމަށް ފޮރިން މިނސްޓްރީން އިލްތިމާސްކުރެއެވެ. އަދި ދަތުރުކުރުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުމަކީ މުހިއްމު ކަމެއް ކަމަށާއި ރާއްޖެ އައުމުގެ ކުރިން އެޗްޕީއޭގެ "ހާލުބެލުން ޕޯޓަލް" ގައި ރަޖިސްޓްރީކުރުމަށް ވެސް ފޮރިން މިނިސްޓްރީން އެދެއެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި ދަތުރުކުރާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި، ގައިދުރުކަން އިސްކުރުމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.