ރޭ ކުޅުނު އެފް އޭ ކަޕް ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މެންޗެސްޓާ ޔުނައިޓަޑާ ޗެލްސީ ބައްދަލުކުރި މެޗު 3-1 އަކުން ޗެލްސީ ކާމިޔާބުކޮށް އަންނަ މަހު އޮންނަ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗުގައި ޗެލްސީއިން ފުރަތަމަ ޖެހި ދެލަނޑަކީ ޔުނައިޓަޑްގެ ކީޕަރު ޑޭވިޑް ޑެ ހިޔާގެ އަތުން ހެދުނު ދެ ގޯހުން ވަތް ދެ ލަނޑެވެ. ޗެލްސީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ފަރަންސޭސި ފޯވަޑް އޮލިވިއޭ ޖިރޫއެވެ. ޖިރޫގެ މިލަނޑަކީ ގޯލް ދަނޑި ކައިރިން ހަނި އެންގަލަކުން ވަތް ލަނޑަކަށް ވީ އިރު މެޗުގެ ކޮމެންޓޭޓަރުން ބުނަމުން ދިޔައީ އެއީ ގޯލްކީޕަރަށް ފަސޭހަ ކަމާއެކު ސޭވް ކުރެވޭނެ ލަނޑެއް ކަމަށެވެ.
ޗެލްސީގެ ދެވަނަ ލަނޑުގައި އަދި ޑެ ހިޔާއަށް ހެދުނު ކޮސް މާ ބޮޑެވެ. ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ގެއްލުމުން އެޓީމުގެ ގޯލާ 20 ޔާޑް ދުރުން ޗެލްސީގެ މިޑްފީލްޑަރު މޭސަން މައުންޓް ފޮނުވާލި ޝޮޓަކީ ވަންދު ޝޮޓެކެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ގޯލް ކީޕަރު އެޝޮޓް ސޭވް ކުރަން އުޅުމުގެ ތެރޭގައި ބޯޅަ ގޯލަށް ވަދެ 2-0 އަކަށް ސްކޯ ވިއެވެ.
ޗެލްސީގެ ތިން ވަނަ ލަނޑަކީ ޔުނައިޑެޓްގެ ޑިފެންޑަރު ހެރީ މެގްގުޔާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ރޭގެ މެޗުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލަނޑު ޖަހާ ދީ ސްކޯ 3-1 އަކަަށް ހަދާ ދިނީ ޖެނުއަރީގައި އެޓީމާ ގުޅުނު ބްރޫނޯ ފަނާންޑޭސްއެވެ.
ރޭގެ ސެމީއިން މޮޅުވެ ފައިނަލަށް ދަތުރުކުރި ޗެލްސީއިން ފައިނަލްގައި ކުޅެން ޖެހޭނީ ސެމީގެ ފުރަތަމަ މެޗު ކާމިޔާބުކުރި އާސަނަލްއާއެވެ. އިނގިރޭސިވިލާތުގައި ކުޅޭ އެންމެ ދުވަސްވީ އެއް ފުޓުބޯޅަ މުބާރާތުގެ މިސީޒަންގެ ފައިނަލް ކުޅެނީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހެވެ.