ޖުޑީޝަލް ސާވިސް ކޮމިޝާންގެ މަސައްކަތަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ އަދި ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމާއި ހަމަހަމަކަން އެއްވެސް މިންވަރަކަށް ނުގެންގުޅޭކަން ވަރަށް ސާފުކަަމަށެވެ.

މި ދެ ގާޒީންނަކީ ވެސް އަދީބުގެ މައްޗަށް ހުކުމްކޮށްފައިވާ ދެ ފަނޑިޔާރުންނެވެ. އެ ގޮތުން މި ދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސުޖާއު އުސްމާންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވާ އިރު ޖޭއެސްސީން ބަލަނީ އޭނާގެ ކޮން މައްސަލައެއް ކަމަެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ޝުޖާއު އުސްމާނާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. އެއީ ކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ބުނެ ހުށަހެޅި އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެކެވެ.

ޖޭއެސްސީން މިއަދު އާންމުކުރި ބާޔާނުގައި ބުނެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް، އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން އުފުލާފައި އޮތް 7 ދައުވާ ކޯޓުން ބޭރުކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު 60 ދުވަސް (2 މަސް) އަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ދައުވާ ތަކަކީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ކުށުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަދީބުގެ މައްޗަށް އެ 7 ދައުވާ ކުރީ އަދީބާއި ދައުލަތާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އަދީބު ކުށަށް އިއުތިރާފު ވާ ގޮތަށެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެ މައްސަލަތައް ކޯޓުން ބޭރުކޮށްލައްވަމުން ގާޒީ ވިދާޅުވެފައި ވަނީ، އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބޭ އެއްބަސްވުމެއް ނޫން ކަމަށާއި، ދައުލަތުން އޭނާއަށް 7 ދައުވާ އުފުލާފައި ވަނީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށާއި އަދި ގާނޫނާވެސް ހިލާފަށް ކަމަށެވެ.

މި ދެ ފަނޑިޔާރުން ކުރި ހުކުމާ ގުޅީގެން ސުލޫކީ މައްސަލައެއް ބަލަމުން ދިޔަ ޖޭއެސްސީން އިސްމާއިލް ރަޝީދު ސަސްޕެންޑްކުރަން ނިންމާފައިވީ ނަމަވެސް ސުޖާއު އުސްމާނަށް ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.