ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް، އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން އުފުލާފައި އޮތް 7 ދައުވާ ކޯޓުން ބޭރުކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު 60 ދުވަސް (2 މަސް) އަށް ސަސްޕެންޑް ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މައްސަލައިގެ ބާވަތާއި، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ގާޒީ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލްސާވިސް ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ނ) އަދި (ކ)އާ ހަވާލާދީ، ގާޒީ އިސްމާއިލް ރަޝީދު، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ދައުވާ ތަކަކީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ކުށުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަދީބުގެ މައްޗަށް އެ 7 ދައުވާ ކުރީ އަދީބާއި ދައުލަތާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އަދީބު ކުށަށް އިއުތިރާފު ވާ ގޮތަށެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެ މައްސަލަތައް ކޯޓުން ބޭރުކޮށްލައްވަމުން ގާޒީ ވިދާޅުވެފައި ވަނީ، އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބޭ އެއްބަސްވުމެއް ނޫން ކަމަށާއި، ދައުލަތުން އޭނާއަށް 7 ދައުވާ އުފުލާފައި ވަނީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށާއި އަދި ގާނޫނާވެސް ހިލާފަށް ކަމަށެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ބޭސް ފަރުވާއަށް މީހަކު ފޮނުވަން ޝަތުރު ކުރުމަކީ ޕީޖީ އޮފީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެގޮތަށް އެކަން ކުރުމުން އެއީ "ޓޯޗާ" އެއްގެ ގޮތުގައިވެސް ބެލިދާނެ ކަމަށެވެ. އަދި އަދީބުގެ މައްޗަށް ހިންގި ޝަތީއަތްވެސް ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އަދީބުގެ މައްސަލަތައް ކޯޓުން ބޭރުކޮށްލުމުން، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ މައްސަލަ އިސްތިއުނާފު ކުރައްވާފައެވެ. އަދި އަދީބު ފުރައިގެން ދިޔަ ނުދޭން ކޯޓުން ވަނީ އަމުރެއްވެސް ނެރެފައެވެ. އެއާއެކު މައްސަލަ ބެލި ގާޒީގެ މައްސަލަ ޖޭއެސްސީން ބަލަން ފަށާ އޭނާ ސަސްޕެންޑް ކުރީއެވެ.

އަދީބުގެ މައްޗަށް އޮތް 7 ދައުވާ ބާތިލް ކޮށް އިއްވި ހުކުމާއެކު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގައި ހުންނެވި އަދީބު އެއްކޮށް ވަނީ މިނިވަން ވެފައެވެ. ކުރިން އޮތް 33 އަހަރުގެ ޖަލު ހުކުމްވެސް ބާތިލު ކޮށްފައި ވުމާއެކު މިހާރު އަހުމަދު އަދީބަކީ މިނިވަނެކެވެ.