ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު އެ ގޮތަށް ހުކުމް ކޮށްފައި ވަނީ ޔޮޓް ޓުއާސް އިން ކުރިން ހިންގި ހއ. އަލިދޫ ރިސޯޓަށް 2014 ގައި މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދަން ހުށަހެޅުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެެލައިޑުން ނިންމުމުން އެ މައްސަލަ ބަލައި އަލުން ކުރި ހުކުމްގައެވެ. މި ހުކުމް ކުރެއްވީ ގާޒީ އަލީ ނަސީރެވެ.

ޔޮޓް ޓުއާސްއިން ވަނީ އިންޝުއަރަންސް ޕްރިމިއަމް ދައްކާފައެވެ. އެހެންކަމުން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އިންޝުއަރަންސް ޕްރިމިއަމް ދައްކާފައި ވާތީ އަލިދޫ ރިސޯޓަށް އޭރު ލިބުނު ގެއްލުމަށް ދެ ފަރާތުގެ ދެމެދުގައި އޮތް އިންޝުއަރަންސް ޕޮލިސީގެ ދަށުން ބަދަލު ދޭންޖެހޭ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކަށް ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު އެލައިޑުން ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ހުކުމްކޮށްފައި ވެއެވެ.

ޔޮޓް ޓުއާސް އިން ކުރިން އެ މައްސަލައިގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައެވެ. ނަމަވެސް ޔޮޓް ޓުއާސްއިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަމުރުކޮށްފައެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.