ޓޫރިޒަމް މިނިސްޓްރީގެ މުވަޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އެ މިނިސްޓްރީގެ މުވަޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެމީހާ ޕޮޒިޓިވް ވެފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އަދި އެ ކޭސްއާ ގުޅުންހުރި އަށް މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިޝަލް ވިދާޅުވީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހުން ހޯމް އައިސޮލެޝަނަށް ގޭގައި މަޑުކުރުމަށް އަންގާފައިވާ ކަމަށާއި އެ އިދާރާގެ މަސައްކަތް ކުރިއަށް ދަނީ އެއަށްފަހުގައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ޕޮޒިޓިވް ކޭސް އެއް ފެނިފައި ވާއިރު، މިއަދު ވަނީ ރައްޔިތުން މަޖިލިސްއިންވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައެވެ.

ރާއްޖެއިން ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2930 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2340 އަށް އަރާފައެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ ފިރިހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 14 މީހުންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި އިންޑިއާގެ އެކަކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1230 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1360 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 243 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 46 މީހުންނާއި ސްރީލަންކާގެ 24 މީހުންނެވެ.