އިނގިރޭސިވިލާތުގައި ކުޅޭ އެންމެ ގިނަ ދުވަސްވީ އެއް ފުޓުބޯޅަ މުބާރާތް އެފް އޭ ކަޕްގެ ފައިނަލަށް އާސަނަލް ދަތުރުކޮށްފިއެވެ. އެޓީމު މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދިޔައީ ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ އެފް އޭ ކަޕް ޗެމްފިއަންސް މެންޗެސްޓާ ސިޓީ 2-0 އަކުން ބަލިކުރުމަށް ފަހުއެވެ.
މި މެޗުގައި އާސަނަލްއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖެހީ ކެޕްޓަން ޕިޔޭ އެމްރިކް އޮބަމިޔޭންގްއެވެ. އޭނާ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 19 ވަނަ މިނެޓްގައެވެ. އަދި އެއަށް ފަހު ސިޓީއިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސަނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރި ނަމަވެސް އާސަނަލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިދިޔަ ހަފްތާގައި ޕްރިމިއާ ލީގުގައި ޗެމްޕިއަންސް ލިވަޕޫލް ބަލިކުރި އާސަނަލްއިން އަނެއްކާވެސް މިވަނީ ދިފާޢީ ގޮތުން މޮޅު ކުޅުމެއް ދައްކާފައެވެ. ސިޓީގެ ގިނަ ހަމަލާތަކަކާ ކެތްތެރިކަމާ އެކު ކުރިމަތިލި އާސަނަލްގެ ދެވަނަ ލަނޑު އޮބަމިޔޭންގް ކާމިޔާބުކޮށްދިނީ މެޗުގެ 71 ވަނަ އެއް މިނެޓްގައެވެ.
ރޭގެ މޮޅާއެކު އާސަނަލް ފައިނަލްއަށް ދަތުރުކުރި އިރު މިއީ އެޓީމުން އެފް.އޭ ކަޕްގެ ފައިނަލްއަށް ދަތުރުކުރި 21 ވަނަ ފަހަރެވެ. މިއީ އިނގިރޭސިވިލާތުގެ އާ ރިކޯޑެކެވެ.
އާސަނަލްއަށް ރޭ ލިބުނު ކާމިޔާބީއަކީ ކޯޗު މިކެލް އާޓަޓާއަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާސަނަލްގެ ކޯޗު ކަމާ ހަވާލުވުމުގެ ކުރިން އާޓެޓާ މަސައްކަތް ކުރަމުން އައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ދަށުން އެޓީމުގެ އެސިސްޓަންޓް ކޯޗުގެ ހައިސިއްޔަތުންނެވެ.
ރޭގެ މެޗުގައި މި ސީޒަންގައި ސިޓީގެ ޑިފެންސްގެ ހުރި މައްސަލަތައް އަނެއްކާވެސް ވަނީ ފާޅުވެފައެވެ.
އެފް އޭ ކަޕްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. ފައިނަލްގައި އާސަނަލްއާ ވާދަ ކުރާނެ ޓީމު އެނގިގެންދާނީ މިރޭ މެންޗެސްޓާ ޔުނައިޓަޑާ ޗެލްސީ ބައްދަލުކުރާ މެޗުންނެވެ.