ނިމިދިޔަ ހަފުތާއިން ދުވަހެކެވެ. ބްރޫކްލިންގެ ހޮސްޕިޓަލަކަށް އާދަޔާ ހިލާފު ޑެލިވަރީއެއް ލިބުނެވެ. ޑެލިވަރީ ހިފައިގެން އައި ޓްރަކް ފުރިފައި އޮތީ ކުރެހުންތަކަކުންނެވެ. 1800 އެއްހާ ވަކި، ކުރެހުމެވެ. ހޮސްޕިޓަލުގެ ކޮންމެ މުވައްޒަފަކަށް ކުރެހުމެކެވެ. ކޮންމެ ކުރެހުމެއްވެސް ރަމްޒުކޮށްދެނީ ތަފާތު މަލެކެވެ.
މިއީ އެމެރިކާގެ ލޮސް އެންޖަލިސްގައި ދިރިއުޅެމުންދާ ފަންނުވެރިޔާ، މައިކަލް ގޭޓްސްގެ ހަދިޔާއެކެވެ. މައިކަލް ގޭޓްސްގެ މަސައްކަތްތަކަކީ އަބަދުވެސް އާދަޔާ ހިލާފު މަސައްކަތްތަކެކެވެ. އޭނާގެ ކުރެހުންތައް ޑިސްޕްލޭ ކޮށްފައިވާ ތަންތަނުގެ ތެރޭގައި، ދެކޮރެޔާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ހަމަލާ ބަދަލުކުރާ ޒޯންވެސް ހިމެނެއެވެ.
މައިކަލް ގޭޓްސްގެ ކުރެހުންތަކުގެ ހާއްސަ ހަދިޔާ ލިބުނު ހޮސްޕިޓަލަކީ އޭނާ ކަނޑައެޅި އެތައް ޝަރުތެއް ފުރިހަމަވި ހޮސްޕިޓަލެވެ. އެންމެ ހާއްސަ އެއް ޝަރުތަކަށްވީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޕޭޝަންޓުންނަށް ފަރުވާ ދެމުންދާ ދިއުމެވެ. ބްރޫކްލިންގެ އިންޓަފެއިތް މެޑިކަލް ސެންޓަރަށް މައިކަލް ގޭޓްސްގެ ހަދިޔާ ލިބުނުއިރު، ނިއުޔޯކް ސިޓީގެ ޕީކްގައި މި ހޮސްޕިޓަލުގެ 90 ޕަސެންޓް ޕޭޝަންޓުންނަކީ ކޮވިޑް-19ގެ ޕޭޝަންޓުންނެވެ.
މައިކަލް ގޭޓްސްގެ ކުރެހުންތައް ވަކިވަކިން ފްރޭމްވެސް ކޮށްފައިވާއިރު، މިކަމަށް ފައިސާ ހޯދީ، ކުރެހުންތައް ގަތުމުގެ ޝައުގު ހުންނަ މީހުން ކުރި ހަދިޔާތަކުންނެވެ.
މައިކަލް ގޭޓްސް މިކަން ކޮށްފައިވަނީ ކޮވިޑް-19 ބަލިމަޑުކަމާއެކު ކުރެވެންފެށި މާޔޫސީ އިހުސާސްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަން ކޮށްދިނުމުގެ ގޮތުންނެވެ. "ސްޓްރޭންޖާޒް ޓު ނޯވަން" ނުވަތަ "އެއްވެސް މީހަކަށް ބީރައްޓެއްސެއް ނޫން" މި ޝިއާރުގެ ދަށުން މައިކަލް ގޭޓްސްގެ މަލުގެ ކުރެހުންތައް ކުރަހާލީ، ކޮވިޑް-19 އާ ދެކޮޅަށް ސިއްހީ ހިދުމަތްތެރިން ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން އޭނާއާއި އެފަދަ އެތައް ބައެއްގެ ހިތުގައި އުފެދިފައިވާ ލޯބި ބަޔާން ކޮށްދިނުމަށެވެ. ސިއްހީ ހިދުމަތްތެރިންނަކީ އެމީހުން ނުދަންނަ އެތައް މިލިއަން ބައެއްގެ ލޯބި ލިބިފައިވާ ބައެއްކަން އަންގައިދިނުމުގެ މަގުސަދުގައެވެ.
މައިކަލް ގޭޓްސްގެ ކުރެހުންތަކުގެ އެންމެ ހާއްސަ ކަމަކީ، މި ކުރެހުންތައް ކުރަހާފައިވަނީ ސިރިންޖު ބޭނުންކޮށްގެން ކަމެވެ. އެއީވެސް ސިއްހީ ހިދުމަތްތެރިންނާ ކުރެހުންތެރިންނާ މެދު އޮތް ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައެވެ. ދެ ފަންނުގައިވެސް ސިރިންޖު ބޭނުންކޮށްގެން އަނެކުންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމުގެ ރަމްޒެއްގެ ގޮތުގައެވެ.
ހޮސްޕިޓަލުންވެސް މައިކަލް ގޭޓްސްގެ ހަދިޔާ ބަލައިގަތީ ހިތު ލޯތްބާއެކުގައެވެ.