ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބުން ބޭރުވި ވައިރަހެއް ކަމަށް ބުނެ އެމެރިކާއިން ކުރަމުންދާ ދައުވާއަށް ބާރުދޭ ޑިޕްލޮމެޓިކް ފެންވަރުގެ ލިޔެކިއުންތަކެއް އާންމު ކޮށްފިއެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާއިން އާންމުކުރި ޑިޕްލޮމެޓިކް ލިޔެކިއުންތަކަކީ 2018 ވަނަ އަހަރުގެ ލިޔުންތަކެއް ކަމަށް ޚަބަރު ލިބެއެވެ.

މި ލިޔުންތައް ބުނާ ގޮތުގައި، ހައި-ކޮންޓެއިންމަންޓް ލެބެއްގެ ދަރަޖާގައި އޮތް ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (ޑަބްލިއުއައިވީ) ލެބުގެ ކަންކަން އެންމެ ސަލާމަތްތެރިކަމާ ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ މިންވަރަށް އެކަންކަން ބެލުމުގެ ފަންނީ ގާބިލުކަމާ ތަމްރީނު ލިބިފައި ޓެކްނީޝަނުންނާ އިންވެސްޓިގޭޓަރުން އެ ލެބުގައި އޭރުވެސް ނެތެވެ. އަދި މިއީ ސީރިއަސް މައްސަލައެއް ކަމަށް އެ ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ސިއްހީ ހިދުމަތްތެރިއަކު ބަލި މީހަކަށް ފަރުވާ ދިނުމަށް އިކުއިޕްމަންޓް ތައްޔާރުކުރަނީ/ފޮޓޯ: އޭއެފްޕީ

2 އަހަރުވެފައިވާ މި ޑިޕްލޮމެޓީކް ކޭބަލް، މިއަހަރުގެ ކުރީކޮޅުވެސް ވަނީ ލީކުކޮށްލާފައެވެ. މިކަންވެގެންދިޔައީ ވައިރަހުގެ ފެށުމަކީ ޗައިނާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން، ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޗައިނާއަށް އަމާޒު ކުރަމުންދިޔަ ފާޑުކިއުންތަކަށް އެޅުނު "ފޯޑަރަކަށް" ކަމަށް އޭރު އޮތީ ސިފަކޮށްފައެވެ.

އެމެރިކާގެ ދާހިލީ ވުޒާރާއިން ރަސްމީ ސިފައެއްގައި މި ޑިޕްލޮމެޓިކް ކޭބަލް އާންމު ކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓްއިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މި ލިޔުންތައް ބުނާ ގޮތުގައި ޑަބްލިއުއައިވީއަށް ކުރިމަތިވެފައިވާ ފަންނީ ތަޖުރިބާކާރުންގެ ދަތިކަން ހައްލު ކުރުމަށް، އެމެރިކާގެ ޔުނިވާސިޓި އޮފް ޓެކްސަސް މެޑިކަލް ބްރާންޗާ ގުޅިގެން މަސައްކަތްތަކެއް ކުރެވިދާނެކަން އޮތީ ފާހަގަކޮށްފައެވެ. އޭރުވެސް ޑަބްލިއުއައިވީގެ ޓެކްނީޝަނުންނަށް އެ ބްރާންޗުން ތަމްރީނު ދެމުން ދިޔަ ކަމަށް ޚަބަރު ލިބެއެވެ. ފަރަންސޭސިވިލާތުންވެސް ތަމްރީނާ އިރުޝާދު ދިނުމަށް ހުށަހެޅިކަމަށް ބާރުދޭ ވާހަކަތަކެއް މި ލިޔެކިއުންތަކުގައި ހުއްޓެވެ. ނަމަވެސް، މި ކޭބަލްގެ ބައެއް ބައިތައް ވަނީ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދި ހޯދިފައި ނުވާއިރު، މިއީ ޑަބްލިއުއައިވީއިން ލީކުވި ވައިރަހެއް ކަމަށް އެންމެ ހަރު އަޑުން ވިދާޅުވަމުން ގެންދެވި އެއް ބޭފުޅަކީ، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއެވެ. ނަމަވެސް، މި ފަހަކަށް އައިސް ޕޮމްޕޭއޯގެ ހަރުކަށި ރާގަށްވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ވައިރަހުގެ ފެށުން އޮތީ ވޫހާންގައި ކަމަށް ވީ ނަމަވެސް، އެއީ ކޮންތާކުން ނުވަތަ ކާކުގެ ސަބަބުން ހިނގި ކަމެއްކަން ސާފުނުވާކަމަށް ޕޮމްޕޭއޯ ވަނީ މެއި މަހުގެ މެދެއްހާ ހިސާބުގައި ވިދާޅުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ/ފޮޓޯ: ރޮއިޓާޒް

ނަމަވެސް ޕޮމްޕޭއޯއާއި ޓްރަމްޕްވެސް މީގެ ކުރިން ވަނީ، މި ވައިރަހަކީ ވޫހާންގެ ލެބުން ލީކުވި ވައިރަހެއް ކަމަށް ބާރުދޭ ހެކި ފެނިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. ސައެންސްވެރިންނާ، އެމެރިކާގެ ޖާސޫސީ އިދާރާގެ މެދުގައި ދައުރަވަމުންދާ ލިޔުންތައް ބުނަނީ އެހެން ވާހަކައެކެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ ކޮމިއުނިޓީންވަނީ، ދެ ހާލަތުވެސް ވިލަރެސް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ވައިރަހަށް ބަޔަކު އިންފެކްޓް ވެގެން އެންމެ ފުރަތަމަ ކޭސްތައް ރިޕޯޓްކުރީ ޗައިނާއިން ކަމުގައި ވީ ނަމަވެސް، ވައިރަހުގެ ހަގީގީ ފެށުމަކީ ޗައިނާއަށް ނުވެދާނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.