ފާއިތުވީ 24 ގަޑިއިރަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެށުނު ފަހުން 1 ދުވަހާ އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ރެކޯޑް ކުރި ދުވަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހާމަކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ރެކޯޑްތަކަށް ބަލާއިރު 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 260000 ޕޮޒިޓިވް ކޭސް ފާހަގަކުރެވުނު ކަމަށް ދައްކައެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، މިއީ މި ބަލިމަޑުކަން ފެށުނު ފަހުން، މިލިއަނެއްގެ 4 ބައިކުޅަ 1 ބަޔަށްވުރެ މަތީ އަދަދަކުން ޕޮޒިޓިވް ކޭސް ރެކޯޑް ކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

ބަލިމަޑުކަން ފެތުރެމުންދާ ގޮތަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ކޭސް ނަމްބަރު އިތުރުވެފައިވަނީ އެމެރިކާ، ބްރެޒިލް، އިންޑިއާ އަދި ދެކުނު އެފްރިކާގައެވެ.

ކޮވިޑް-19 އަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ކަމަށް ޑަބްލިއުއެޗްއޯއިން އެންމެ ފަހުން އިއުލާންކުރީ މީގެ 1 ދުވަސް ކުރިންނެވެ.

ފާއިތުވީ 24 ގަޑިއިރަކީ ކޮވިޑް-19ގައި ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެއް ކަމަށްވެސް ޚަބަރު ލިބެއެވެ. މި ވަގުތުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 7360 އަށް އަރާފައިވާއިރު، މިއީ މެއި 10 ވަނަ ދުވަހަށް ފަހު، މަރުވި މީހުންގެ އަދަދު މިހާ ބޮޑު ތަނުން އިތުރުވި ފުރަތަމަ ދުވަސްވެސްމެއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކުރަމުންދަނީ އެމެރިކާ ސަރަހައްދުގެ ގައުމުތަކުން ކަމުގައި ވީ ނަމަވެސް، ދެކުނު އޭޝިއާ ސަރަހައްދުގައި ބަލި ފެތުރެމުންދަނީ ކަންބޮޑުވާ ރޭޓެއްގައި ކަމަށާ، މި ބަލިމަޑުކަމުގެ ހާސްކަން އެންމެ ބޮޑަށް ނުތަނަވަސްވެގެންދާނެ މަރުކަޒަކަށް ދެން ވުން ގާތީވެސް، ދެކުނު އޭޝިއާ ސަރަހައްދު ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާ ރެޑް ކްރޮސްއިން ވަނީ ދީފައެވެ.

ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ބަލީގެ ނުރައްކާ އެންމެ ބޮޑު ކަމަށް ރެކޯޑް ތަކުން ދައްކަނީ އިންޑިއާ ކަމަށެވެ. އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، އިންޑިއާއަށް ބަލިމަޑުކަމުގެ ޕީކް އަންނަން އަދި މަސްތަކެއް ހޭދަވާނެ ކަމަށް ސައެންސްވެރިން ލަފާ ކުރެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް މިއިން ދުވަހަކު ނިމުން އައިސްދާނެ ކަމަށް ނުބެލެވޭ ކަމަށް ޑަބްލިއުއެޗްއޯއިން ދަނީ ތަކުރާރުކޮށް އިޝާރާތް ކުރަމުންނެވެ. ބަލިން ދިފާއުވާނެ ވެކްސިނެއްވެސް އަދި ހޯދިފައި ނުވާއިރު، މިވަގުތަށް އޮތީ ސުލޫކީ ބަދަލުތަކެއްގައި ހިފުމެވެ. އެހެނީ ޖިސްމާނީ ގައިދުރުކަން އިސްކުރުމާ، ގިނަގިނައިން އަތް ދޮވުމާ، ހެޔޮ ގޮތުގައި މާސްކު ބޭނުން ކުރުން ފަދަ ކަންކަން އާދައަކަށް ހަދާ، އެކަން ދެމެހެއްޓުމެވެ.