ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، އެ ބަލީގައި މަރުވި މީހުންގެ އަދަދު 6 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.
ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 14.4 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 604880 އަށް ވަނީ އަރާފައެވެ.
ކޮވިޑް-19 ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މި ބަލީގައި 142877 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވާއިރު، ލައްކައިން މަތީގައި މަރުގެ ކޭސްތައް ރިޕޯޓް ކުރަމުންދާ ހަމައެކަނި ގައުމަކީވެސް އެމެރިކާކަން ފާހަގަކުރަންޖެހެއެވެ. އެމެރިކާގެ ފަހަތުން މި ލިސްޓުގައި ދެން އޮތީ ބްރެޒިލް (78817)، އިނގިރޭސިވިލާތް (45273)، މެކްސިކޯ (38888) އަދި 35042 މަރުގެ ކޭސް ރިޕޯޓްކުރި އިޓަލީވިލާތެވެ.
މިވަގުތު އެކްޓިވް ކޭސްތައް އެންމެ ގިނައީވެސް އެމެރިކާގައެވެ. އެމެރިކާގައި 1.9 މިލިއަނަށްވުރެ އެކްޓިވް ކޭސް އުޅޭ ކަމަށް ރެކޯޑް ކޮށްފައިވާއިރު، ދެން އެންމެ ގިނަ އަދަދަކަށް އެކްޓިވް ކޭސް ރެކޯޑް ކޮށްފައިވަނީ 629654 ކޭސް ރެކޯޑް ކޮށްފައިވާ ބްރެޒިލްއާއި، 373406 ކޭސް ރެކޯޑް ކޮށްފައިވާ އިންޑިއާއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުންދަނީވެސް އިންޑިއާއިން ކަން ފާހަގަކުރަންޖެހެއެވެ.
މި ބައްޔަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ނު ހޯދެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 5.2 މިލިއަނަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވާއިރު 99 ޕަސެންޓް މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަ ކޮށެވެ.
ކޮވިޑް-19 ޖެހި، ޝިފާ ލިބި ރަނގަޅުވި މީހުންގެ އަދަދު 8.6 މިލިއަނަށްވުރެ މައްޗަށް ވަނީ އަރާފައެވެ.