ބ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރާ ބޮޑުފިނޮޅުން ހައްޔަރު ކުރި 19 މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފިއެވެ.

ފުލުހުން ބުނީ ބަންދުގެ މުއްދަތު އިތުރު ކޮށް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ހުއްދަ ދީފައި ވާހަކަށެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަން ގެނެސްފައި ތިބި ބިދޭސީން އެ ރަށުގައި ހަމަނުޖެހުން ހިންގާ އެރަށުގައި މަސައްކަތް ކުރި ދިވެހިން ތަކެއް ރަހީނު ކުރީ މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވައެވެ. އެ ހަމަނުޖެހުމުގައި ދިވެހިން ރަހީނު ކުރުމުގެ އިތުރުން، އެރަށުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗާއި އެނޫންވެސް މުދަލަށް ބޮޑެތި ގެއްލުންތައް އެމީހުން ވަނީ ދީފައެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެރަށަށް ދިޔަ ފުލުހުންނާ ދިމާއަށް ގަލާ އޭތި މީތި އުކާ ހަމަނުޖެހުން ހިންގުމުގެ ސަބަބުން 2 ފުލުހަކަށް އަނީވެސް ވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ ކުންފުންޏަކުން ގެންގުޅުނު 203 ބިދޭސީއެއްގެ ތެރެއިން ހައްޔަރު ކުރި އެ 19 ބިދޭސީންގެ މައްސަލައިގައި ރިޒާގެ ކުންފުންޏާއި، ރިޒާގެ ކުންފުންޏަށް މަސައްކަތް ހަވާލު ކުރި ކުންފުންނިން ދައްކާ ވާހަކަ ދިމާ ނުވެ އެއްވަޔަކު އަނެއް ބައެއްގެ ބޮލަށް "މައްސަލަ ޖަހާއިރު" ފުލުހުން ގެންދަނީ އެ ހަމަނުޖެހުން ތަހުގީގު ކުރަމުންނެވެ.

ނަމަވެސް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ހޯދުނު ކުރިއެރުމެއް ނޭނގޭ އިރު، ބޮޑުފިނޮޅުގައި ހިނގާ ދިޔަ ކަންތައްތަކާ ގުޅިގެން އެ ރަށުގައި ތިބި ރިޒާގެ ކުންފުނީގެ މީހުން ބާލަން މެޖިސްޓްރޭޓް ކޯޓަކުން އަމުރެއް ނެރުމުން، އެ އަމުރު ނެރުނު ގާޒީގެ މައްސަލަ މިހާރު ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ.

މައްސަލަ ސިޔާސީ ކުރަމުން ދާ އިރު، ފުލުހުންގެ މައްސަލަ ތަހުގީގު ކޮށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާނެ އިރެއް އަދި ނުބުނެއެވެ.