އެމެރިކާގެ މަދަނީ ހައްގުތަކަށް ވަކާލާތު ކުރާ ހަރަކާތްތަކުގެ ބާނީ އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯން ލުވިސް މަރުވެއްޖެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި އެޓްލާންޓާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ލުވިސް މަރުވީ އުމުރުން 80 އަހަރުގައެވެ.
ހުސްވި އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ، ޕެންކްރިއެޓިކް ކެންސަރާ ހަނގުރާމަ ކުރަމުންދާ ކަން އިއުލާން ކޮށްފައެވެ.
ޖޯން ލުވިސްގެ މަރާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ލުވިސްއަކީ އޭނާގެ ގައުމު ދެކެ އިންތިހާއަށް ލޯބިވި މީހެއް ކަމަށާ، ހުރިހާ ވަގުތަކާ އަމިއްލަ ނަފްސުވެސް ގުރުބާން ކޮށްލީ މިނިވަންކަމާ އަދުލު އިންސާފުގެ ހައްގުގައި ކަމަށެވެ. މީގެ އިތުރުން ލުވިސްއަކީ އޭނާ ހިނގި މަގުން ހިނގުމަށް އެތައް ޖީލަކަށް ހިތްވަރު ދެއްވި ރަމްޒެއް ކަމަށްވެސް އޮބާމާ ވަނީ ސިފަކުރައްވާފައެވެ.
ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދެމަފިރިން އާންމު ކުރެއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، ލުވިސްއަކީ ހުރިހާ އެންމެނަށް ހަމަހަމަކަމާ އިންސާފު ހޯދާދިނުމަށް އެމެރިކާއިން ވެފައިވާ، ނުފުދި އޮތް ވައުދު ފުއްދާ ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންދިޔަ ޝަހްސެއް ކަމަށެވެ. އަދި ލުވިސްއަކީ، އެންމެން ގުޅިގެން އުޅެވޭނެ ވެއްޓެއް ގާއިމުކުރުމަށް މަސައްކަތް ކުރެއްވި ފަރާތެއް ކަމަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައިވެސް ލުވިސްއަކީ 2 ފަރާތަށްވެސް މަގުބޫލު މެމްބަރެކެވެ. ކޮންމެ މެމްބަރަކީވެސް ލުވިސްއަކީ އޭނާއާއެކު މަސައްކަތް ކުރާ މީހެއް ކަމަށް ބުނަން ފަޚްރުވެރިވާ މީހެއް ކަމަށް ނޭންސީ ޕެލޯސީ ވަނީ ވިދާޅުވެފައެވެ.
ލުވިސްއަކީ ސީދާ މާޓިން ލޫތާ ކިންގް ޖޫނިއާގެ ދަށުން ތަމްރީނުވި ޝަހްސެކެވެ. އެ ދެ މީހުން ދިމާވިއިރު ލުވިސްގެ އުމުރަކީ އެންމެ 18 އަހަރެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމަށް ލުވިސް އެންމެ ފުރަތަމަ އިންތިހާބު ކުރެވުނީ 1986 ވަނަ އަހަރުއެވެ. ގާނޫނު ހަދާ މަޖިލީހުގައި ސިފަކުރަމުން އަންނަ ގޮތުގައި ލުވިސްއަކީ އެ މަޖިލީހުގެ "ހަގީގީ ރޫހާ، އަޑެވެ".
މި ފަހުން އެމެރިކާ ސިއްސުވާލި ދޮން-ކަޅުގެ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު މުޒާހަރާތަކުގައިވެސް ލުވިސް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. ޖޯން ލުވިސް، އާންމުންގެ ތެރެއިން އެންމެ ފަހުން ފެނިގެން ދިޔައީވެސް މި ހަރަކާތުންނެވެ.