ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14 މިލިއަނަށް އަރައިފިއެވެ.
މި ވަގުތާ ހިސާބަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 14211635 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މިވަގުތާ ހިސާބަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރި ގައުމުތަކުގެ ތެރޭގައި މެކްސިކޯ، ރަޝިއާ، ބަންގްލަދޭޝް، ފިލިޕީންސް، ބޮލީވިއާ އަދި ޕާކިސްތާނު ހިމެނެއެވެ.
ބަންގްލަދޭޝްގެ ހާލަތަށް ބަލާއިރި މި ވަގުތުގެ ތެރޭގައި 2709 ޕޮޒިޓިވް ކޭހާ، 34 މަރުގެ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު ބަންގްލަދޭޝްއިން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 202066 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު 2581 އަށް އަރާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ޕާކިސްތާނަށް ބަލާއިރު ރޭ މެންދަމު 00:00 އިން ފެށިގެން 1917 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 47 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއާއެކު ޕާކިސްތާނުން ބަލި ޖެހުނު މީހުންގެ އަދަދު 261916 އަށް އަރާ، މި ބަލީގައި މަރުވި މީހުންގެ އަދަދު 5522 އަށް ވަނީ އަރާފައެވެ.
އަވަށްޓެރި އިންޑިއާގެ ހާލަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރަމުންދަނީ އެ ގައުމުންނެވެ. އިންޑިއާއިން މިހާރު ވަނީ 1 މިލިއަން ޕޮޒިޓިވް ކޭހުގެ ފާހަގަވެސް ހުރަސް ކޮށްފައެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 1040948 އަށް އަރާފައިވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 26295 އަށް ވަނީ އަރާފައެވެ. އިންޑިއާއިން މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 360460 ކޭހެކެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން 14 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ޝިފާ ލިބި ރަނގަޅުވެފައިވަނީ 8484743 މީހުންނެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 599825 އަށް އަރާފައެވެ.